ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ ބޯޓު ފުވައްމުލަކު ފަރުމައްޗަށް އަރައިފި
ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ ބޯޓު ފުވައްމުލަކު ފަރުމައްޗަށް އަރައިފި

ވިއެޓްނާމްގެ މުދާ އުފުލާ ބޯޓެއް ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް މިއަދު އަރައިފި އެވެ.

ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ ބޯޓު ފުވައްމުލަކު ފަރުމައްޗަށް އަރައިފި
ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ ބޯޓު ފުވައްމުލަކު ފަރުމައްޗަށް އަރައިފި

އެމްއެންޑީއެފުން ބުނި ގޮތުގައި ހަވީރު 4:45 ހާއިރު ފަރަށް އެރީ "އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއަށް މުދާ ބަރުކޮށްގެން މިދިޔަ ހޯމަ ދުވަހު މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރި ބޯޓުގައި 20 ފަޅުވެރިން ތިއްބެވެ. މިއީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.

ފުވައްމުލަކު ދޫނޑިގަން ކައުންސިލު މެމްބަރު އަލީ ޝަޒީމް ވިދާޅުވީ އެއީ ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން ދިޔަ ބޯޓެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޯޓު އެރީ އެއާޕޯޓު ރަންވޭ އާއި އެއާޕޯޓު ނިމޭ ކޮޅާ ދޭތެރޭގައި އޮތް ފަރަކަށެވެ.

"ބޯޓު ވަރަށް ބޮޑަށް ފަރަށް އަރާފައި އޮތީ، ޓަގެއް ގެނެސްގެން ފުން ކުރަން ޖެހޭނީ. މޫސުން ގޯސްވީމަ ބޮޑު ރާޅު އަރާ ސަރަހައްދެއް އެއީ، ގޮންޖެހުމާ ކުރިމަތިލާން ޖެހޭނެ [ފުންކުރަން]" އޭނާ ވިދާޅުވި އެވެ.

ޝަޒީމް ވިދާޅުވި ގޮތުގައި ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރެވޭނީ ބޮޑު ދިޔައިގަ އެވެ.

"ފަރަށް މިހާރު ވެސް ގެއްލުން ވެފައި އޮތް ކަމަށް ބެލެވެނީ. އަދި ބަލައެއް ނުލެވޭ ލިބުނު ގެއްލުންތަކެއް."

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެމްއެންޑީއެފުން ބުނީ ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.