31 އޮކްޓޯބަރ 2018 - 09:17

މެންޗެސްޓާ (އޮކްޓޫބަރު 31) - ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑަށް ޑިފެންޑަރެއް ގަނެދޭން އެ ކްލަބްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ޑިމާންޑްކޮށްފި އެވެ.
މި ސީޒަން ފެށުމުގެ ކުރިން މޮރީނިއޯ އާއި ވުޑްވާޑާ ދެމެދު ގިނަ ދެބަސްވުންތަކެއް ހިނގި އެވެ. މޮރީނިއޯ ބޭނުންވާ ކުޅުންތެރިންނާ މެދު ވުޑްވާޑްގެ ވިސްނުން ތަފާތުވުމުން ޓްރާންސްފާގެ ގިނަ ކަންތައްތައް ކުރިއަކަށް ނުދިޔަ އެވެ.
ޔުނައިޓެޑުން ވަނީ ސީޒަން ފެށުމުގެ ކުރިން ގިނަ ޑިފެންޑަރުންތަކަކާ މަޝްވަރާކޮށްފަ އެވެ. އޭގެތެރޭގައި ލެސްޓާ ސިޓީގެ ހެރީ މެގުއާ، އިންޓަގެ މިލާން ސްކްރިނިއާ، ޔުވެންޓަސް އަށް ބަދަލުވި ލިއޮނާޑޯ ބޮނޫޗީ، އެވަޓަންއާ ގުޅުނު ޔެރީ މިނާ، ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލްޑް، އެތުލެޓިކޯގެ ޑިއޭގޯ ގޮޑިން، ބަޔާން މިއުނިކްގެ ޖެރޯމް ބޯޓެން އަދި ރެއާލް މެޑްރިޑްގެ ރަފައެލް ވަރާން ހިމެނެ އެވެ.
ސީޒަން ފެށުމުގެ ކުރިން މޮރީނިއޯ ދެ ޑިފެންޑަރުން ގެންނަން ބޭނުންވި އެވެ. އެކަމަކު މިހާރު އޭނާގެ ވިސްނުން ހުރީ ޖެނުއަރީ މަހު ޑިފެންޑަރެއް ގެންނާށެވެ. އެއީ ފަހަކަށް އައިސް އެ ޓީމަށް ކުޅެމުން އަންނަ ސްވިޑަންގެ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް ރަނގަޅު ކުޅުމެއް ދައްކަމުން އަންނާތީ އެެވެ. އަދި ވަރަށް އަވަހަށް އަނިޔާއިން ރަނގަޅުވެ، އާޖެންޓީނާގެ ޑިފެންޑަރު މާކޯސް ރޯހޯ ވެސް ޓީމާ ގުޅޭނެތީ އެވެ.
މެންޗެސްޓާ އިވްނިން ނިއުސްގެ ރިޕޯޓެއްގައިވާ ގޮތުން މޮރީނިއޯ އާއި ޔުނައިޓެޑްގެ ބޯޑުގެ ބައެއް މެމްބަރުން ވަނީ މިދިޔަ ހަފުތާގައި ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި މޮރީނިއޯ އެދުނީ އެ ޓީމުން ދެ ކުޅުންތެރިއަކު ވިއްކާލާފައި ނަމަވެސް ޖެނުއަރީގައި ފެންވަރު ރަނގަޅު ޑިފެންޑަރެއް ގަތުމަށެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބެއިލީ ހިމެނެ އެވެ. މީގެ ދެ އަހަރު ކުރިން ވިޔަރެއާލް ދޫކޮށް ބެއިލީ ޔުނައިޓެޑާ ގުޅުނީ 30 މިލިއަން ޕައުންޑްގެ އަގަަކަށެވެ.