ރެއާލުގެ ދާއިމީ ކޯޗަކަށްވާން މަސައްކަތްކުރާނަން: ސޮލާރީ
ރެއާލުގެ ދާއިމީ ކޯޗަކަށްވާން މަސައްކަތްކުރާނަން: ސޮލާރީ

މެޑްރިޑް (އޮކްޓޫބަރު 31) - ރެއާލް މެޑްރިޑްގެ ހާލަތު ބަދަލުކޮށް އެ ޓީމުގެ ދާއިމީ ކޯޗަކަށްވާން ބޭނުންވާ ކަމަށް އެ ޓީމުގެ އާ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފި އެވެ.

ރެއާލުގެ ދާއިމީ ކޯޗަކަށްވާން މަސައްކަތްކުރާނަން: ސޮލާރީ
ރެއާލުގެ ދާއިމީ ކޯޗަކަށްވާން މަސައްކަތްކުރާނަން: ސޮލާރީ

ރެއާލުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ކުޅުނު އެންމެ ފަހު މެޗަކީ މިދިޔަ އާދިއްތަ ދުވަހު، ވާދަވެރި ބާސެލޯނާ އަތުން 5-1 އިން ބަލިވި މެޗެވެ. ރެއާލް މި ވަގުތު ލީގުގެ ނުވަ ވަނައިގައި އޮތްއިރު، މިއީ މިދިޔަ 17 އަހަރު ތެރޭ ރެއާލުން އެންމެ ދަށްކޮށް ފެށި ސީޒަނެވެ. އެ މެޗަށް ފަހު ލޮޕެޓެގީ ވަނީ މަގާމުން ދުރުކޮށްފަ އެވެ. މި ހުރިހާ ސަބަބަކާ ހުރެ ރެއާލުން ވަނީ ލޮޕެޓެގީ މަގާމުން ދުރުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން އަންނަނީ އެ ޓީމުގެ ދާއިމީ ކޯޗަކަށް ޔުވެންޓަަސް އާއި ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ނޫނީ ބެލްޖިއަމް ގައުމީ ޓިމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ގެންނަން މަޝްވަރާތައް ކުރަމުންނެވެ. އެކަމަކު އެކަން ކާމިޔާބު ނުވެއްޖެނަމަ ދާއިމީ ކޯޗަކަށް ސޮލާރީ ބަހައްޓަން ވަނީ ނިންމައިފަ އެވެ.

ރެއާލުން ވަގުތީ ކޯޗަކަށް ސޮލާރީ ގެނައިރު، ސްޕެއިނުގެ ގަވައިދުތައް ބުނާގޮތުން ވަގުތީ ކޯޗަކަށް ގިނަ ވެގެން ހުރެވޭނީ ދެ ހަފްތާ ވަންދެނެވެ. އެހެން ކަމުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ސޮލާރީ އަށް އޮތީ ބުރަ މަސައްކަތެކެވެ. އެ ޓީމުގެ އެއްބަސްވުން ދާއިމީކުރަން ސޮލާރީ ބޭނުންވެ އެވެ.

"އަހަންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން. މިއީ ވަރަށް ބޮޑު ކްލަބެއް. މިއީ އަހަރެން މި ޓީމާ ހަވާލުވެފައި ބުނާ އެއްޗެއް ނޫން. މި ކްލަބްގެ އެއް ޓީމަކަށް އަހަރެން ކޯޗުކޮށްދީފިން. އަހަރެން މި ޓީމަށް ކުޅެވެސްފިން. އަހަރެން މިހުރީ ޕޮޒިޓިވްކޮށް. އެއްބަސްވުން ދާއިމީކުރަން މަސައްކަތްކުރާނަން." ރެއާލުގެ ކޯޗެއްގެ ގޮތުގައި މީޑިއާއާ ބައްދަލުކުރި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސޮލާރީ ބުންޏެވެ.

ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅޭ ފުރަތަމަ މެޗުގައި ސްޕެނިޝް ކަޕްގައި މިރޭ ނުކުންނާނީ ހަތަރު ވަނަ ޑިވިޝަންގެ ޓީމަކާ ދެކޮޅަށެވެ. އެ އަށް ފަހު އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅުމަށް ފަހު އަންނަ ހަފްތާގައި ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށެެވެ.

"އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވީ. ތެދެއް. އަހަންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް މި ކުޅުންތެރިންގެ ކޮންފިޑެންސް އަލުން ގެނައުމަކީ. އެކަމަކު މި ހުރިހާ ކުޅުންތެރިންނަކީ ޗެމްޕިއަނުން. އެހެންވީމަ އެ ކުޅުންތެރިންގެ ފޯމު ރަނގަޅު ކޮށްފިނަމަ ތަފާތު ފެންނާނެ." 2000-2005 އަށް ރެއާލަށް ކުޅުނު އާޖެންޓީނާގެ ސޮލާރީ ބުންޏެވެ.

ރެއާލަށް ކުޅުނު ކުޅުންތެރިއަކަށް އެންމެ ފަހުން އެ ޓީމަށް އިރުޝާދުދިނީ ޒިނެދިން ޒިދާން އެވެ. ޒިދާން ވެސް ފުރަތަމަ އިރުޝާދު ދިނީ ރެއާލްގެ ބީ ޓީމަށެވެ. ސޮލާރީ ވެސް ކުރިން ހުރީ ބީ ޓީމުގެ ކޯޗަކަށެވެ. ސޮލާރީ ބުނީ އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް ޒިދާންގެ ލެވެލް އަބަދުވެސް ތަފާތު ކަމަށެވެ.

"އެއްވެސް މީހަކާ ޒިދާނާ އަޅައެއް ނުކިޔޭނެ. އޭނަ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ކޯޗެއްގެ ގޮތުގައި ވެސް ތަފާތު ދެއްކި މީހެއް." ސޮލާރީ ބުންޏެވެ.

ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ސޮލާރީ އަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ އެ ޓީމުގެ މުހިއްމު ޑިފެންޑަރު ރަފައެލް ވަރާން އަށް އަނިޔާވެ އޭނާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ. ވަރާން ފަޔަށް އަނިޔާވީ ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.