31 އޮކްޓޯބަރ 2018 - 07:29

އާދިއްތަ ދުވަހާ ގުޅޭ
އެ ތަނަށް ވެސް އާމިރު ދެއެވެ. ކޮޓަރިއަށް ވަދެވޭ ވަގުތު އެތެރޭގައި އަދި ނުވަދެވޭ ވަގުތު ބޭރުގައި ހުންނަ ގޮނޑީގައި އިށީނދެލައިގެން އާމިރު އިނދެއެވެ. އާމިރުގެ ހިތުގައި ވަނީ ތެދުވެރި ލޯތްބެވެ. ފެންނަ ކޮންމެ މީހަކު އެ ކަމަށް ހެކިވާނެއެވެ. އަދި އާމިރާ މެދު ހަމްދަރުދީ ވާނެއެވެ. ހިތްވަރު ވެސް ދޭނެއެވެ. އެ ކަން ކުރަން އުނދަގުލީ އާބިދާއަށެވެ. ދަރިފުޅުގެ ހިތަށް ހެރިފައިވާ ވަޅިޔަކު އާބިދާއަކަށް ނުފިރުމޭނެއެވެ. އެ ވަޅި ޖެހޭނީ ދަމައިގެންފައި އެއްލައިލާށެވެ. އާމިރު ކިތަންމެ ލޯބިވިޔަސް އެ ލޯތްބާއި ދުރަށް ދާނިޔާ ގެންގޮސްގެން ނޫނީ ދާނިޔާއަކަށް އުފަލެއް ނެތެވެ. ހޮސްޕިޓަލަށް ރާޝިދު އާދެއެވެ. ގިނަ ވަގުތު ދާނިޔާ ގާތުގައި އިނދެއެވެ. ކެއުންބުއިމާއި ނިންޖަކަށް ރާޝިދު ފަރުވާލެއް ނުބަހައްޓައެވެ. އާބިދާ ވިސްނަމުންދިޔައީ ރާޝިދަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އެކަމަކު، ދާނިޔާއަށް ވިސްނައިދެވޭތޯ ބެލުމަށް ފަހުގައެވެ.
ދާނިޔާ ހޮސްޕިޓަލުގައި ބާއްވައިފައިއޮތް ދުވަސްތަކުގެ ތެރެއިން އެއް ދުވަހެއްގެ މެންދުރެވެ. ކަންދިމާކުރި ގޮތުން ކޮޓަރީގައި އާބިދާ އެކަނި އިން ވަގުތެކެވެ. ދާނިޔާގެ މޫނަށް އާބިދާ ބަލައިލި ވަގުތަކީ ދާނިޔާ ވެސް ބަލައިލި ވަގުތެކެވެ. ފަނޑުގޮތަކަށް ހިނިތުންވެލި ވަގުތެކެވެ. އެ ވަގުތު އާބިދާ ހިތަށްއެރިއެވެ. ދަރިފުޅުގެ ނިޔަތް ބަދަލުކުރާކަށް ދުވަހަކު ވެސް މަސައްކަތެއް ނުކުރެވެއެވެ. ނުވާނެކަމެއްކަން އެނގޭތީ އެ ކަމާ އާބިދާއަށް ނުވެސް އުޅެވުނީއެވެ.
"ދަރިފުޅު ބޭނުންތަ ރަނގަޅުވާން؟" ދާނިޔާގެ އެނދާ ގޮނޑި ކައިރިކޮށްލަމުން އާބިދާ ބުންޏެވެ. "މުޅި އުމުރަށް ތިކަމުން ސަލާމަތްވާން ބޭނުންތަ؟"
"މަންމަ މެޖިކު ލޭންޕެއް ގެންގުޅެނީތަ؟" ސަމާސާ ރާގެއްގައި ދާނިޔާ ބުންޏެވެ. "އާނ ބޭނުން. އަޅެ ޖިންނި ގެނެސްބަލަ!"
"ދަރިފުޅު ޖިންނި ގަބޫލުކުރަންތަ؟" އާބިދާ އެހިއެވެ.
"އެއީ ފެންޓަސީ އެއްޗެއް،" ދާނިޔާގެ ރާގުގައި ސީރިޔަސްކަމެއް ނެތެވެ. "ފެއަރީ، މާމެއިޑް، ޔުނިކޯން."
ދާނިޔާގެ ކޮންމެ ޖަވާބަކުން އާބިދާއަށް އިހުސާސްކުރެވެނީ، ހަގީގަތާއި ދާނިޔާއާ ދެމެދުގައި ހުރި ފާރުގެ އުސްކަމެވެ. އެއް ދުވަހަކުން އެ ފާރު ބިމާ ހަމައެއް ނުކުރެވޭނެއެވެ. އެ ކަމަށް ވަގުތު ބޭނުމެވެ. ނެތް އެއްޗަކީ އެއީއެވެ.
"ދަރިފުޅު ވަރަށް ލޯބިވޭތަ އާމިރުދެކެ؟" އިމްތިހާނު ކަރުދާހުގެ ދެވަނަ ސުވާލު އާބިދާ ހުށައެޅިއެވެ.
"އާމިރު ނެތް ނަމަ އަހަރެން މިހާރަކު ނުހުންނާނެ،" ދާނިޔާ ފެންކަޅިވެފައި ބުންޏެވެ. "އޭނަ ހާދަ ހިތްވަރެއްދެއޭ. ހާދަ ވާހަކައެއްދައްކައޭ. މަންމައަށް އެނގޭތަ އާމިރުގެ އެންމެ ފުރަތަމަ ބިޓު ޓަސްލާފަ މަރުވިކަން؟ އާމިރަށް ބައެއް ފަހަރު ހީވޭ އާމިރަކީ ކާރސްއެކޭ. މަންމައަށް އެހެން ހީވޭތަ؟"
އެއީ އާބިދާއަށް ލިބުނު އެންމެ ރަނގަޅު ދަނޑިވަޅެވެ. ތިން ފަހަރަށް އާބިދާ ވިސްނިއެވެ.
"ދަރިފުޅަށް ހީވަނީ ކިހިނެއް؟" އާބިދާ ވެސް ކުރީ ސުވާލެކެވެ.
"އޭނައަކީ އަހަރެންގެ ހަމައެކަނި ހޯޕް!" ހިތުގެއަޑިން ދާނިޔާ ބުންޏެވެ.
އާބިދާ ބުނަން ތައްޔާރުވެގެން ހުރި ވާހަކަ އެ ހިސާބުން ކަފުންކުރިއެވެ. އެ ވަގުތު އާމިރު ކޮޓަރިއަށް ވަނެވެ. އާބިދާގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އެނދު ކައިރީގައި ހުއްޓިލައިގެން ހުރެ އާމިރާއި ދާނިޔާ ވާހަކަދެއްކިއިރު އާބިދާ ބެލީ އާމިރުގެ ލޮލަށެވެ. އެ ލޮލުގައި ވިހައިގެ އަސަރެއް ނެތެވެ. މަކަރުވެރިކަމެއް ނެތެވެ. އެއީ ކިލަނބުކަމެއް ނެތް ސާފު ލޯތްބެކެވެ. ދެން އާބިދާއަށް އޮތް ހަމައެކަނި މަގަކީ ދާނިޔާގެ ބައްޕަގެ އެހީތެރިކަމަށް އެދުމެވެ. ކުރީގެ ފިރިމީހާޔާ މަޝްވަރާކުރުމެވެ. ދާނިޔާއަށް ޓަކައި ކޮންމެ ކަމެއް ކުރަންޖެހުނަސް ރާޝިދު ކުރާނެއެވެ. ގޮތެއް ހޯދާނެއެވެ. އެކަމަކު، ރާޝިދަކީ ރުންކުރު މީހެކެވެ. ހުރިހާ ތުހުމަތެއް އަޅުވާނީ އާބިދާގެ ބޮލުގައިކަން އާބިދާއަށް އެނގެއެވެ. އާބިދާ ނިންމީ އެ ބިރު އެއްފަރާތް ކުރާށެވެ. ދަރިފުޅަށް ޓަކައެވެ.
ދާނިޔާ ހޮސްޕިޓަލުން ގެއަށް ފޮނުވީ ފަސް ދުވަސް ފަހުންނެވެ. އެއްކޮށް ރަނގަޅުވެގެނެއް ނޫނެވެ. އެ ވަގުތަށް ލުޔެއްލިބުމާއި، އިތުރަށް ކުރެވޭނެ ފަރުވާއެއް ނެތުމުން ދޫކޮށްލީއެވެ. ހަމަ އެ ދުވަހު ރާޝިދާ ބައްދަލުކޮށްފައި އާބިދާ ހުރިހައި ވާހަކައެއް ކިޔައިދިނެވެ. ކަންތައް ވެގެންދިޔައީ އާބިދާ އުންމީދުކުރި ގޮތަކަށް ނޫނެވެ.
"އާމިރާ ރުޅިވާކަށް ނުބުނާނަން،" ރާޝިދު ބުންޏެވެ. "އަހަރުމެން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކީގަ މި ކަން ކުރަން. އާބިދާ ހާސްނުވޭ. އަހަންނަށް ދޫކޮށްލާ!"
ދާނިޔާގެ އެއް ހުވަފެނަކީ އޮސްޓްރޭލިޔާގައި ދިރިއުޅުމެވެ. އެ ތަނުން ވަޒީފާއެއް ހޯދައިގެން ވަޒަންވެރިވުމެވެ. އެ ކަން ރާޝިދު ހަނދާންހުއްޓެވެ. ރާޝިދަކީ އަތްމަތި ތަނަވަސް މީހެކެވެ. ދާނިޔާއަކީ ރާޝިދުގެ "ޕްރިންސަސް" އެވެ. ފައިސާގެ ގޮތުން ރާޝިދު ހުރީ ތައްޔާރުވެފައެވެ. ކުރަންޖެހުނު ކަމަކީ ދާނިޔާ ރުއްސުމާއި، އޮސްޓްރޭލިޔާގެ ވިސާގެ ކަންތައް ހަމަޖެއްސުމެވެ. ދެ ކަން ވެސް ފަސޭހައެއް ނޫނެވެ. ނުވަ ފޯނުކޯލުން ވިސާގެ މަގު ތަނަވަސްވިއެވެ. ދިހަވަނަ ކޯލު ކުރީ ދާނިޔާއަށެވެ.
"ކޮބާ ދަރިފުޅާ! ކިހިނެއް ކިހިނެއް؟" ވަރަށް ޖޯޝުގައި ރާޝިދު އެހިއެވެ. "ހިނގާބަލަ އޮސްޓްރޭލިޔާއަށް ޖައްސާލަން."
"ވަރަށް ސަކަރާތް ބައްޕާ!" ބަލި އަޑަކުން ދާނިޔާ ބުންޏެވެ. "ގައިގަ ވަރެއް ވެސް ނެތް. ވަރަށް ބިރުގަނޭ ފްލައިޓަށް އަރަން ވެސް. ފްލައިޓް ވެއްޓިއްޖެއްޔާ ޔޯ؟"
ދަރިފުޅު ކިހާ ބަލިކަން ރާޝިދަށް އެނގެއެވެ. އެހެންނަމަވެސް، އޮސްޓްރޭލިޔާއަށް ދާން ބުނުމުން ދާނިޔާ ކަށިން މަދު ނެރޭނެއެވެ. ކިރިޔާ ވެސް ހިތްވަރެއް ހުރިއްޔާ އިންކާރެއް ނުކުރާނެއެވެ. ރާޝިދު ނޭވާ ހިފަހައްޓައިލިއެވެ.
"އެކަމަކު ނެތޭ ތިހެން އޮވެގެން ވާކަށް،" ރާޝިދު ބުންޏެވެ. "ބައްޕަ މި އުޅެނީ އޮސްޓްރޭލިޔާގަ ބިޒްނަސްއެއް ފަށަން. އެބަޖެހޭ އެ ތަނަށް ގޮސް ބަލައިލަން ކޮން ކަހަލަ ބި××ޒްނަސްއެއްތޯ އެންމެ ސަޅިވާނީ. ކުޑަކޮށް ރިސާޗަކާ އެއްޗެހި އެބަޖެހޭ ހަދާލަން. ބައްޕަ އެކަންޏެއް އެ ހުރިހާ ކަމެއް ނުވާނެއްނު. ހިނގާބަލަ ޖައްސާލަމާ!"
ދާނިޔާގެ ވިސްނުން ފުރަތަމަ ހުރީ ދާގޮތަކަށް ނޫނެވެ. އެކަމަކު، އުންމީދުކަނޑައިނުލައި ރާޝިދު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދާނިޔާގެ ޚިޔާލު ބަދަލުވިއެވެ. ދެކެމުންއައި ކަޅާއިހުދުގެ ހުވަފެނުގައި ކުލަޖައްސާލަން ދާނިޔާ ބޭނުންވިއެވެ. ދަރިފުޅުގެ ރުހުން ލިބުމާއެކު ވިސާ ނަގަން ދެބަފައިން ލަންކާއަށް ފުރިއެވެ. ލަންކާ ހޮޓަލުގައި ތިބެގެން ނެޓު މެދުވެރިކޮށް ދިރާސާކުރުމުގެ މަސައްކަތް ދާނިޔާ ފެށިއެވެ. ރާޝިދު ވަރަށް ބުއްދިވެރިއެވެ. ލަންކާ ސިމެއް ނުނަގައެވެ. ވައިބަރއިން ވެސް އާމިރާ ވާހަކަދައްކަން ދާނިޔާ އިނަކަ ނުދެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން ދާނިޔާގެ ސަމާލުކަން އެހެން ކަމަކަށް އަނބުރައިލައެވެ. މާލެއައިސްފައި ވެސް ގިނަ ވަގުތު ދާނިޔާ އުޅުނީ ފަށާނެ ވިޔަފާރިޔަކާ ބެހޭގޮތުން ދިރާސާކުރުމުގައެވެ. އާމިރާ ވާހަކަދައްކަން ވަގުތެއް ނުލިބެއެވެ. ރާޝިދު އެ ދަނޑިވަޅުގެ ބޭނުން ވެސް ހިފިއެވެ.
"ދަރިފުޅާ!" ރާޝިދު އައިސް ދަރިފުޅުގެ އެނދުގައި އިށީނދެފައި ބުންޏެވެ. "ދެ މީހުން ދެ ގައުމުގަ ތިބެގެން ރިލޭޝަންޝިޕް ކުރިޔަކަށް ނުގެންދެވޭނެ. ނޫންތަ އަޅެ؟ ބައްޕަޔާ މަންމައަށް ވީ ކިހިނެއް؟ ބިޒްނަސްގަ ބައްޕަ އެތައް މިތަނުގަ އުޅެންހަދައިގެން އެންމެ ފަހުން ޑިވޯސްވާން މި ޖެހުނީ. އެކަމަކު މަންމަ އަދިވެސް އެހެރީ ސިންގަލްކޮށް. ބައްޕަ ވެސް މިހިރީ ސިންގަލްކޮށް. ބައްޕައަށް ފެންނަނީ ގޮއްސަ އައިސް ރައްޓެހިވާން މިހާރު ރުޅިވަން. ހެޑޭކް ކުޑަވާނެ."
ދާނިޔާ ވިސްނައިލިއެވެ. އެއްކޮޅުގައި އާމިރެވެ. އަނެއްކޮޅުގައި އޮސްޓްރޭލިޔާއެވެ.
"އޭނަ ގެއްލިއްޖެއްޔާ؟" ދާނިޔާ އެހިއެވެ.
"ގެއްލިއްޖެއްޔާ ގެއްލުނީ،" ރާޝިދު ބުންޏެވެ. "ހުރެއްޖެއްޔާ ހުރީ، ނުހުރެއްޖެއްޔާ ދަރިފުޅު ދެކެ ލޯބިނުވަނީނު. ސިންޕަލް! ގަދަކަމުން ކިހިނެއް މީހަކު ދެކެ ލޯބިވާނީ ދަރިފުޅާ! ބަލާ މީ އޭނައަށް ދެވޭ ޓެސްޓެއްކަމަށް. ކައިވެނީގެ ކުރިން މި ކަހަލަ ޓެސްޓެއް ޖެހޭނެ ދޭން. ޖެހޭނެ ފާސްވޭތޯ ބަލަން."
ދާނިޔާ އެ ގޮތް ގަބޫލުކުރިއެވެ. ހިތަށްއެރިއެވެ. ލޯބިވެރިން ދުވަސްކޮޅަކު ދުރުގައި ތިބުމަކީ، ތެދުވެރިކަން ވަޒަންކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. އާމިރަށް އެ ކަން ހަނދާންކޮށްދީފައި ރާޝިދާ އެކުގައި ދާނިޔާ ފުރިއެވެ. އޮސްޓްރޭލިޔާއާ ހަމައަށް ނުދެވެނީސް ދާނިޔާގެ ނޭވަޔަށް އުނދަގޫކުރުން ރަނގަޅުވެއްޖެއެވެ. ބިރުގަތުން ހުއްޓިއްޖެއެވެ. އޮސްޓްރޭލިޔާގައި އެއް ދުވަސް ވީއިރު، ދާނިޔާއަށް ކުރިމަތިވި ހުރިހާ އުނދަގުލަކާއި، ބޮލުގައިރިހުން ހުއްޓިއްޖެއެވެ. އެއީ ކިހިނެއްވީ ކަމެއްކަމެއް ދާނިޔާއަކަށް ނޭނގެއެވެ.
"މިހާރު ހަމަ އެއްކޮށް ނޯމަލްވެއްޖެ!" ދާނިޔާ ހައިރާންވެގެން އެ ވާހަކަދެއްކިއެވެ. "ބަޓް ވައި؟"
ރާޝިދު ހިތަށްއެރިއެވެ. ދެން އެ ވާހަކަ ކިޔައިދޭންވީއެވެ. ދާނިޔާއަށް ގަބޫލުކުރެވޭނެއެވެ.
"ދަރިފުޅަށް އެނގޭތަ އަސްލު ވީގޮތް؟" ރާޝިދު ސުވާލުކުރިއެވެ. "އާމިރަކީ އިންނަން ކަމުދާ މީހެއް ނޫން. އޭނައަށް ހީވެފައޮތީ ރަނގަޅަށް. އޭނައަކީ ހަމަ ކާރސްއެއް. ވަރަށް ސުންޕާ މީހެއް."
ދިގު ސުރުހީއެއް އެޅުމަށް ފަހު ރާޝިދު ވަރަށް ތަފުސީލުކޮށް އެ ވާހަކަ ކިޔައިދިނެވެ. އާބިދާ ކިޔައިދީފައިވާ ގޮތަށެވެ. އާމިރު ކުރިން ރައްޓެހިވި ކުދިންނަށް ވީގޮތާއި، ތޫމާޔާ ރުޅިވުމުން އޭނަގެ ދިރިއުޅުމަށް އައި ބަދަލުތައް ވެސް ކިޔައިދިނެވެ. އޮސްޓްރޭލިޔާގައި ހުރެފައި ތޫމާއާ ގުޅައި ޚުދު ތޫމާގެ ދުލުން ވެސް ދާނިޔާއަށް އެ ވާހަކަތައް އިއްވިއެވެ. އެ ހިސާބުން ދާނިޔާ ގަބޫލުކުރިއެވެ. ގަބޫލުކުރީ އެކަންޏެއް ނޫނެވެ. އާމިރާ ވާހަކަދެއްކުން ހުއްޓައިލިއެވެ. ދެން މާލެއަންނާކަށް ދާނިޔާ ބޭނުމެއް ވެސް ނުވިއެވެ. ހުރިހާ ކަމެއް ދިޔައީ ރަނގަޅުން ރަނގަޅަށެވެ.
ދާނިޔާ ބަހައްޓައިފައި ހުރީ ރާޝިދު ގަތް އެޕާޓުމަންޓެއްގައެވެ. އަދި އެ ތަނަށް އާބިދާ ވެސް ގެނައެވެ. ދާނިޔާ ބޭނުމިއްޔާ ކިޔެވުމުގެ ފުރުސަތު ވެސް އޮތީ ހުޅުވިފައެވެ. ވަޒީފާއަދާކުރަން ބޭނުން ނަމަ އެ މަގު ވެސް އޮތީ ފަހިވެފައެވެ. އާބިދާގެ ހިތުގައި އާމިރަށް އޮތް ހަމްދަރުދީ ކުޑައެއް ނޫނެވެ. ޖިންނިއެއް އަވަލަވާފައި ހުރިކަން ޚުދު އާމިރަށް ވެސް ނޭނގޭތީއެވެ. އޭނަގެ ކުށެއް ނެތެވެ. ހަޔާތަށް އެޅިފައިވާ ކަޅު ހިޔަނި ނުފެންނަތަނުގައި، އާމިރުގެ ހިތް ހުދު ފޮތިކޮޅެއްހާ ސާފެވެ. ޒަވާޖީހަޔާތެއްގެ ނަސީބުން ތިމާ މަހުރޫމުވެފައިވާ ކަމެއް ވެސް އާމިރަކަށް ނޭނގެއެވެ. ހަފީޒާ ބުނި ގޮތުގައި އާމިރަކަށް ޖިންނި ގޯނާއެއް ނުކުރާނެއެވެ. އުނދަގުލެއް ވެސް ނުކުރާނެއެވެ. އެކަމަކު އެހެން މީހަކު ދެކެ އާމިރު ލޯބިވިޔަކަ ނުދޭނެއެވެ. އިނދެގެންއުޅުނަކަ ވެސް ނުދޭނެއެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ