ކޯލިޝަން ސަރުކާރުގެ އޮނިގަނޑާ މެދު އަންނަނީ މަޝްވަރާ ކުރަމުން: މާރިޔާ
ކޯލިޝަން ސަރުކާރުގެ އޮނިގަނޑާ މެދު އަންނަނީ މަޝްވަރާ ކުރަމުން: މާރިޔާ

ކޯލިޝަން ސަރުކާރުގެ އޮނިގަނޑު އެކުލަވާލާނެ ގޮތާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރުގެ މަގާމްތައް ޕާޓީތަކުގެ މެދުގައި ބެހުމަށް އެއްބަސްވެފައިވާ ގޮތާމެދު "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އަދި މިހާތަނަށް އެކަމަށް ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

އެކަމަކު ސަރުކާރުގެ އޮނިގަނޑު އެކުލަވާލާނެ ގޮތަކާމެދު މިހާރު ވެސް ޕާޓީތަކުގެ ތެރޭގައި މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަންތައްތައް އިންތިހާބީ ރައީސް ދިރާސާ ކުރައްވަމުން އަންނަ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ކޯލިޝަން ސަރުކާރުގެ އޮނިގަނޑު ދަނީ ޕާޓީތަކުގެ ތެރޭގައި މަޝްވަރާ ކުރެވި ރައީސް ސޯލިހު އެކަން ދިރާސާ ކުރައްވައި އެކަން ނިންމަވަމުން،" މާރިޔާ ވިދާޅުވި އެވެ.

އާ ސަރުކާރުގެ ކެބިނެޓާއި ސަރުކާރު އެކުލަވާލާނެ ގޮތް އާންމުކޮށްފައިނުވާއިރު އާންމުންގެ ތެރޭގައި އެކަމާމެދު ދަނީ ބަހުސް ކުރެވެމުންނެވެ.

އާ ސަރުކާރުގެ ކެބިނެޓުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހިމެނޭ ކަމަށް ބުނެ އަޑުތަކެއް ވަނީ އަރައިފަ އެވެ. އަދި އިކޮނޮމިކް މިނިސްޓަރު ކަމަށް ޝައުގުވެރިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

އެ ދެ ބޭފުޅުން ކެބިނެޓުގައި ހިމެނުމާމެދު އާންމުންގެ މެދުގައި ސޯޝަލް މީޑިއާގައި ވަނީ ބަހުސްތަކެއް ކޮށްފަ އެވެ. އެ ދެ ބޭފުޅުން ކެބިނެޓުގައި ހިމެނުމަށް އެއް ބަޔަކު ތާއީދު ކުރާއިރު އެކަމާ ނުރުހުން ފާޅުކޮށް ބައެއް މީހުން ދަނީ ހިޔާލުފާޅު ކުރަމުންނެވެ.