30 އޮކްޓޯބަރ 2018 - 20:49

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ ފައިނޭންސް މިނިސްޓްރީ އަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ފޮނުވޭހާ ވަގުތު އޮއްވައި އާ ސަރުކާރުގެ ބަޖެޓު ފައިނޭންސް މިނިސްޓްރީ އަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މާލިއްޔަތު ގާނޫނުގައި އޮންނަނީ އަހަރު ނިމުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ފައިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަންޖެހޭނެ ވާހަކަ. އެހެންވީމަ އެ މަނިކުފާނަށް އެކަން ކުރެއްވޭނެ ގޮތަށް އެ މުއްދަތު އޮއްވާ އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ބަޖެޓު އެ ބޭފުޅުންނާ ހިސާބަށް ދާނެ،" މާރިޔާ ވިދާޅުވި އެވެ.
"އެހެންވީމަ މާދަމާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވޭހާ ވަގުތު އޮއްވައި އަޅުގަނޑުމެންގެ ބަޖެޓު އެ ބޭފުޅުންނާ ހިސާބަށް ދާނެ."
ބަޖެޓާ ގުޅޭ ގޮތުން ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ އާ ސަރުކާރުން ބޭނުންވާ ބަޖެޓު އެއްވެސް އުނިއިތުރެއް ނެތި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އާ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ބަޖެޓުގައި ހިމަނާނެ ކަމަށް މިހާރު ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ.