31 އޮކްޓޯބަރ 2018 - 10:34

މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި ރާއްޖެ އަށް ޓޫރިސްޓު އަދަދުގެ އަދަދު 10 ޕަސެންޓް އިތުރުވެފައި ވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެ އިދާރާއިން އާމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިހާރު ޓޫރިޒަމް ދާއިރާގައި ޖުމްލަ 41،290 އެނދު އެބަހުއްޓެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އިތުރުވެފައި ވަނީ 3،646 އެނދު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ހަ މަހުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކުގެ އަދަދު ވަނީ 124 އިން 127 އަށް އިތުރު ވެފަ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާފައިވާ ގެސްޓް ހައުސްތަކުގެ އަދަދު ވަނީ 432 އިން 490 އަށް އިތުރު ވެފަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 10 ޕަސެންޓް އިތުރުވެފަ އެވެ. އެ ހަ މަހުގެ ތެރޭގައި ރާއްޖެ އަށް ވަނީ 726،515 ޓޫރިސްޓުން ޒިޔާރަތް ކޮށްފައެވެ. އަދި ހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން ފުރަތަމަ ހަ މަސް ނިމުނު އިރު އެ އަދަދުގެ ދެބައިކުޅަ އެއްބައި ހާސިލްވެފައި ކަން އެމްއެމްއޭއިން ފާހަގަކުރެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރަނީ ޔޫރަޕުންނެވެ. އެގޮތުން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ ތެރެއިން 51 ޕަސެންޓަކީ ޔޫރަޕުގެ ޓޫރިސްޓުންނެވެ. ނަމަވެސް އިޓަލީ، ރަޝިއާ، ފްރާންސް އަދި ޖަރުމަނު ފަދަ ގައުމުތަކުން ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.