30 އޮކްޓޯބަރ 2018 - 15:56

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަށީގެންވާ އަދަދަށް މެމްބަރުން ނެތުމުން އޮޑިޓަ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓަށް ވޯޓަށް އެހޭ ގޮތް ނުވެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ އޮޑިޓް އޮފީހުގެ ބަޖެޓާ މެދު ގޮތެއް ނިންމަން ބަލާ އިރު، އެކަށީގެންވާ އަދަދަށް މެމްބަރުން ހާޒިރުވެވަޑައިގެން ނެތް ކަމަށެވެ.
މޫސަ ވިދާޅުވި ގޮތުގައި އެ ވަގުތު ޖަލްސާގައި ތިއްބެވީ އެންމެ އަށް މެމްބަރުންނެވެ.
މަޖިލިހުގައި ވޯޓަށް އެހޭނީ މިހާރު ތިބި މެމްބަރުންގެ އަދަދަށް ބަލާއިރު މަދުވެގެން 20 މެމްބަރުން ތިބެގެންނެވެ.
އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރު 52 މިލިއަން ރުފިޔާގެ ބަޖެޓެއް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އޮޑިޓަ ޖެނެރަލް އޮފީހުގެ ބަޖެޓް ކަނޑައެޅުމަކީ މާލިއްޔަތު ކޮމެޓީގެ ޒިންމާއެކެވެ. އަދި ކޮންމެ އަހަރަކު ވެސް އޮޑިޓް އޮފީހުން އެ އަހަރަކަށް ލަފާކޮށް ބަޖެޓް ހުށަހަޅަނީ އެ ކޮމެޓީއަށެވެ. އެގޮތުން، އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވީ 60 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މި އަހަރަށް އޮޑިޓް އޮފީހަށް ދިނީ 50 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ އޮޑިޓް އޮފީހުން ހުށައެޅި 60 މިލިއަން ރުފިޔާގެ ބަޖެޓް ނުދިން ނަމަވެސް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ފިނޭންސް މިނިސްޓްރީން ނިންމާ ގޮތެއްގެ މަތިން އެ އަދަދަށް ކޮންޓިންޖެންސީ ބަޖެޓެއް ނުވަތަ ހާއްސަ ބަޖެޓެއް ހަމަޖައްސަން ފެންނަ ކަމަށެވެ.
މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޕީޕީއެމްގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ 60 މިލިއަން ރުފިޔާގެ ބަޖެޓް ފާސް ކުރަން ދެކޮޅުހެއްދެވީ އިދިކޮޅު މެމްބަރުން ކަމަށެވެ.
ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އަދާކުރާ އޮފީހަކަށް ވާއިރު، އޮޑިޓް އޮފީހުން ބޭނުންވާ ބަޖެޓް ދިނުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް ބަޖެޓު ފާސްކޮށްދިނުމަކީ މެމްބަރުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓު ފާސްކުރުމުގެ ކުރިން، އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރަން ކޮންމެހެން ލާޒިމެއް ނޫނެވެ. އަދި އޮޑިޓް އޮފީހުގެ ވަކިން ފާސްކުރަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.