މެލޭރިއާ ޖެހިފައި ހުރި ނަމަ ކުއްތާ އަށް އެނގޭ
މެލޭރިއާ ޖެހިފައި ހުރި ނަމަ ކުއްތާ އަށް އެނގޭ

މެލޭރިއާ ޖެހިފައި ހުންނަ މީހުންގެ ގައިން ދުވާ ވަސް ކުއްތާ އަށް ދެނެގަނެވޭ ކަމަށް އިނގިރޭސި ވިލާތާއި ގެމްބިއާގެ ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ސައިންސްވެރިންގެ ޓީމުން ވަނީ މެލޭރިއާ ޖެހުމުން ގައިން ދުވާ ވަސް ދެނެގަނެވޭ ގޮތަށް ކުއްތާ ޓްރެއިން ކޮށްފަ އެވެ. އެހެންވެ މެލޭރިއާ ފެތުރުން ހުއްޓުވަން ކުއްތާ ބޭނުންކުރެވިދާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

މި ތަހުލީލު އަދި ފަށައިގަތީ ކަމަށާއި މިކަމުގައި އިތުރަށް ހޯދޭ ކަންކަމުން، މެލޭރިއާ ފެތުރުން ހުއްޓުވޭނެ އިތުރު ގޮތްތަކެއް ފެނިދާނެ ކަމަށް ވެސް ސައިންސްވެރިން އުންމީދުކުރެ އެވެ.

މީގެ ކުރީގެ ދިރާސާތަކުން ވެސް އެނގިފައިވާ ގޮތުގައި، މެލޭރިއާ ޖެހުމުން ގައިން އިތުރު ވަހެއް އުފައްދަ އެވެ. މިއީ މަދިރީގެ ޝައުގުވެރިކަން އިތުރުކުރުވާ ވަހެކެވެ.

މި ދިރާސާ ކުރުމަށް ސައިންސްވެރިން ވަނީ ގެމްބިއާގައި ކުޑަކުދިން ބޭނުންކޮށްފައި ހުރި އިސްޓާކީނުތަކެއް އިނގިރޭސި ވިލާތަށް ފޮނުވައިފަ އެވެ. މި 175 ޖޯޑު އިސްޓާކީނުގެ ތެރެއިން 30 ޖޯޑަކީ މެލޭރިއާ ޖެހިފައި ތިބި ކުދިން ބޭނުންކުރި އެއްޗިއްސެވެ.

މެލޭރިއާ ދެނެގަތުމަށް އިނގިރޭސި ވިލާތުގައި ތަމްރީނުކޮށްފައި ތިބި ކުއްތާތަކަށް މި އިސްޓާކީނުތައް ހަވާލުކުރުމުން ކޮންމެ 10 ސާމްޕަލަކުން ހަތް ސާމްޕަލް، ކުއްތާތަކަށް ދެނެގަނެވުނެވެ. އެކަމަކު މެލޭރިއާ ނެތް 10 ކުއްޖެއްގެ އިސްޓާކީނު އެއީ މެލޭރިއާ ޖެހިފައި ތިބި ކުދިންގެ އެއްޗެހީގެ ގޮތުގައި، ނުބައިކޮށް ދެނެގަތްކަން ވެސް ދިރާސާގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ، ކުއްތާތައް އަދިވެސް ބޮޑަށް ތަމްރީންކޮށްގެން މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑެވެ. އެހެން ވެއްޖެ ނަމަ ލެބޯޓަރީ ޓެސްޓަކަށް ވުރެ އަވަހަށް ބަލި ދެނެގަނެވިދާނެ ކަމަށް ސައިންސްވެރިން ބުންޏެވެ.