30 އޮކްޓޯބަރ 2018 - 18:19

ކޮލަމްބޯ (އޮކްޓޯބަރު 30) - ޕާލަމެންޓުގެ މެޖޯރިޓީ ހޯދުމަށްޓަކައި ލަންކާގެ އެންމެ ވާދަވެރިކަަން ބޮޑު ދެ ސިޔާސީ ޕާޓީން ޕާލަމެންޓުގެ މެންބަރުން ހޯދަން ފަށައިފި އެވެ.
އާ ސަރުކާރުގެ ބޮޑު ވަޒީރަކަށް ހަމަޖެއްސި ކުރީގެ ރައީސް މަހެންދުރަ ރާޖަޕަކްސާ ވަނީ މަގާމުން ދުރުކުރި ރަނިލް ވިކްރަމަސިންހަގެ ޕާޓީގެ ހަތަރު މެންބަރަކަށް މިނިސްޓަރުންގެ ފެންވަރުގެ ވަޒީފާތައް ދީފަ އެވެ. މަގާމުން ދިނުމުން އެ މެންބަރުން ވަނީ ޕާޓީ ބަދަލުކޮށްފަ އެވެ. އަނެއްކޮޅުން ރަނިލް ވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޕާޓީން ދެ މެންބަރަކު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ގެންގޮސްފަ އެވެ.
ބައެއް މެންބަރުން ޕާޓީ ބަދަލު ކުރުމުން 225 މެންބަރުން ހިމެނޭ ޕާލަމެންޓުގައި ރަނިލްގެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބީ 105 އެވެ. ރާޖަޕަކްސާ އާއި ސިރިސޭނާގެ ޕާޓީގެ 98 މެންބަރުންނެވެ. ބާކީ ތިބި 22 މެންބަރުންގެ ތާއީދު އޮތީ ރަނިލް އަށް ކަމަށްވެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އެ މެންބަރުން ސަރުކާރު ކޮޅަށް އަނބުރާލުން އެކަށީގެންވާ ކަމަށެވެ.
ރަނިލް ސަރުކާރުގެ ޑިޕިއުޓީ މިނިސްޓަރެއް ކަމަށްވާ ރަންޖަން ރަމަނަޔަކަ ވިދާޅުވީ މެންބަރުން ގަންނަން ރާޖަޕަކްސާ އަށް ފަންޑުކޮށްދެނީ ޗައިނާ އިން ކަމަށެވެ. ނަމަވެސް ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ވަނީ ޗައިނާ އަށް ވަރަށް ބޮޑު އިސްކަން ދީފަ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރަނިލް މަގާމުން ދުރުކޮށް ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިނުމަށް ފަހު ރައީސް ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ. ރަނިލްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވީ ޕާލަމެންޓް ހުއްޓުވާފައި ސިރިސޭނާ ބޭއްވުމުގެ ބޭނުމަކީ މެންބަރުން ގަންނަން ވަގުތު ހޯދަން ކަމަށެވެ.
"ރައީސް އަށް އަޣުލަބިއްޔަތު އޮތް ނަމަޕާލަމެންޓް ހުއްޓުވާފައި ބޭއްވުމުގެ ބޭނުމެއް ނެތް،" ސަމަރަވީރާ ވިދާޅުވި އެވެ.