30 އޮކްޓޯބަރ 2018 - 12:52

ޖަކާޓާ (އޮކްޓޯބަރު 30) - ޖާވާ ކަނޑަށް އިއްޔެ ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ބޯޓުން ދަތުރު ކުރަން ހަމަޖެހިފައިވާ ޕަސިންޖަރެއް ކަމަށްވާ ސޮނީ ސެޓިއަވަން ބުނަނީ އެ ބޯޓުން އޭނާ ސަލާމަތްވީ ޖަކާޓާގެ ޓްރެފިކުގައި ޖެހި ގަޑިއަށް އެއާޕޯޓަށް ނުދެވުމުން ކަމަށެވެ.
އިންޑޮނީޝިއާގެ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރާ އޮފިޝަލް ބުނީ ވެއްޓުނު ޖޭޓީ610 ފްލައިޓުން އޭނާގެ އިތުރުން ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކު ދަތުރު ކުރަން ހަމަޖެހުނު ކަމަށެވެ. ސޮނީގެ ރަހުމަތްތެރިން ގަޑިއަށް އެއާޕޯޓަށް ދިޔަ އިރު ސޮނީ ވަނީ ޓްރެފިކުގައި އެތައް އިރަކު ހޭދަ ކުރަން ޖެހިފަ އެވެ. އޭނާ ބުނީ ހަފުތާ ބަންދުގައި އާއްމުކޮށް އެ މީހުން ދަތުރު ކުރަނީ ލަޔަން އެއާގެ ޖޭޓީ610 ފްލައިޓުން ކަމަށެވެ.
"އާއްމުކޮށް އަހަރެން ވެސް އެއާޕޯޓަށް ދަން ފަތިހު 3 ޖަހާއިރު. އެކަމަކު އެ ދުވަހު އަހަންނަށް އެއާޕޯޓަށް ދެވުނީ ހެނދުނު 6.20 ގައި. އެހެންވެ ފްލައިޓް ވަނީ މިސްވެފައި،" އޭނާ ބުންޏެވެ.
ވެއްޓުނު ބޯޓު ޖަކާޓާ އެއާޕޯޓުން ފުރާފައި ވަނީ ވެސް 6:20 ގަ އެވެ. ބޯޓު ވެއްޓުނީ ނައްޓާލިތާ 13 މިނިޓް ފަހުންނެވެ.
ސޮނީ ބުނީ އެ ފްލައިޓް މިސްވުމުން އެހެން ފްލައިޓެއްގައި އޭނާ ވަނީ ޕަންގްކަލް ޕިނާންގަށް ދަތުރުކޮށްފައި ކަމަށެވެ. އަދި ލަޔަން އެއާގެ ބޯޓު ވެއްޓުނުކަން އެނގުނީ އޭނާ ދަތުރުކުރި ފްލައިޓް ޕަންގްކަލް ޕިނާންގަށް ޖެއްސި ފަހުން ކަމަށް ބުންޏެވެ.
ބޯޓުން ފޭބުމާ އެކު ސޮނީ ވަނީ އާއިލާ އަށް ފޯނުކޮށްފަ އެވެ.
"އަހަރެންގެ އާއިލާ އަށް ލިބުނީ ޝޮކެއް. މަންމަ ދިޔައީ ރޮމުން. އެކަމަކު އަހަރެން ބުނިން އަހަރެން ސަލާމަތްވީ އެހެން ފްލައިޓެއްގައި ދަތުރު ކުރުމުން ކަމަށް،" ސޮނީ ބުންޏެވެ.
ސާޗް އެންޑް ރެސްކިއު މިޝަނުން ބުނެފައި ވަނީ ވެއްޓުނު ބޯޓުން ދަތުރު ކުރި އެކަކު ވެސް ސަލާމަތްވި ކަމަށް ނުބެލެވޭ ކަމަށެވެ.