30 އޮކްޓޯބަރ 2018 - 13:06

އާދަޔާ ހިލާފަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޮޑުވި ފެންގަނޑު ހިންދަން ސިފައިން ނުކުމެއްޖެ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހެމުން މި ދެ ދުވަހު ބައެއް ހިސާބުތަކުގައި ދޮޅު ފޫޓަށް ވުރެ މައްޗަށް ފެން ހެދިފައިވެ އެވެ. މިއަދު ހެނދުނުން ފެށިގެން ސިފައިން އަންނަނީ އެކި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ވެސްޓް ޕާކު ސަރަހައްދާއި ދަރުބާރުގެ ސަރަހައްދުގެ މަގުތަކުން ފެން ހިންދަން ފަށާފައިވާ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް މެދު ރާއްޖެ އާއި ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. މެޓުން ބުނާ ގޮތުގައި ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ.
އެކަމަކު މި ވިއްސާރައިގައި އެއްވެސް ރަށަކަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިނުވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.
މާލޭގައި މި ދެ ދުވަހު ފެން ބޮޑުވީ މި ފަހަގެ ތާރީޚުގައި ތަޖުރިބާކޮށްފައި ނުވާ މިންވަރަކަށެވެ. މާލެއިން ފަސޭހައިން ފެން ހިނދޭނެ ގޮތަށް ބައެއް މަގުތައް ހަދައި، އިތުރު ޕަމްޕް ސްޓޭޝަންތައް ގާއިމް ކުރިޔަސް މިހާ ބޮޑަށް ފެންގަނޑު ހެދުމުން އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފެން ހިންދާ ސިސްޓަމްތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.