30 އޮކްޓޯބަރ 2018 - 11:27

މަޝްހޫރު ފުޓްބޯޅަ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ހދ. ކުޅުދުއްފުށީގައި ހިންގަމުން އަންނަ މާއްޓޭ ފުޓްބޯޅަ އެކެޑަމީގެ ފަރާތުން އަންނަ މަހު އެ ރަށުގައި ސްޕޯޓްސް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ގުޅިގެން މާއްޓޭ ފުޓްބޯޅަ އެކެޑަމީ ފެށީ މި އަހަރު އޭޕްރީލް މަހު އެވެ. ގިނަ ޒުވާން ކުޅުންތެރިންތަކެއް އުފެއްދުމުގެ މަސައްކަތް މާއްޓޭ ކުޅުދުއްފުށީގައި ފެށުމުން ގިނަ ބަޔެއްގެ ތަރުހީބު އެކަމަށް ލިބުނެވެ.
މާއްޓޭ ފުޓްބޯޅަ އެކެޑަމީން ނިންމާފައިވަނީ އަންނަ މަހު 24-26 އަށް މުޅި ކުޅުދުއްފުއްޓަށް ހުޅުވާލައިގެން އެކެޑަމީގެ އޯޕަން ސްޕޯޓްސް ފެސްޓިވަލެއް ކުރިއަށް ގެންދާށެވެ. މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީގެ ކުދިންނަށް ވަނީ ހުޅުވާލައިފަ އެވެ.
"މި ފެސްޓިވަލަކީ ކުޅުދުއްފުށީގެ ހުރިހާ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެސްޓިވަލެއް. މީގައި ހުރިހާ ކުދިންނަށް ބައިވެރިވެވޭނެ،" މާއްޓޭ ބުންޏެވެ.
"ފުރަތަމަ ދެ ދުވަހު ފެސްޓިވަލްގެ އޯޕަން ޓްރެއިނިން އޮންނާނީ. އެ އަށް ފަހު 26 ވަނަ ދުވަހު އަޅުގަނޑުމެން ކުރިއަށްގެންދާނީ ތަފާތު ކަންތައްތަކެއް."
މި ފެސްޓިވަލްގައި މާއްޓޭގެ ހާއްސަ އެއް މަގުސަދަކީ އެކެޑަމީގައި އުޅޭ ކުދިންނާއި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކެއް އެއްތާކުން ބައްދަލުވެ، އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ ކުޅިވަރުގެ މާހައުލުން އެންމެން ބައްދަލުވެ އުފާވެރި ވަގުތުތަކެއް ހޭދަކުރުން. މި ފެސްޓިވަލްގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ވެސް އަޅުގަނޑުމެން ފުރުސަތު ދޭނަން. އެއީ އެ ކުދިންނަށް ވެސް މި ފަދަ ކުޅިވަރުގެ އުފާފާޅުކުރުންތަކުގެ ތެރެއިން މަޖާކޮށްލަން ފުރުސަތު ދޭންޖެހޭ. ކުޅިވަރަކީ އެންމެނަށް ވެސް ހަމަހަަމަ އެއްޗެއް،" ސްޕެއިނުގެ ޔޮހާން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް ހާސިލްކޮށްފައިވާ މާއްޓޭ ބުންޏެވެ.
މި އަަހަރުގެ އޭޕްރީލް މަހު މާއްޓޭ އެކެޑަމީ ފެށީ 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެންނެވެ. ފެށިއިރު 40 ކުދިން ތިބި ނަމަވެސް މާއްޓޭ އަމާޒު ހިފާފައިވަނީ އަންނަ އަހަރު އެ އަދަދު އިތުރު ކުރުމަށެވެ.
"އަޅުގަނޑުމެން މި ފެސްޓިވަލް ނިމޭ ދުވަހު އަންނަ އަހަރުގެ ކަލަންޑަރު ވެސް އިއުލާން ކުރާނަން. އަޅުގަނޑުމެންގެ ވަރަށް ބޮޑު ޓާގެޓެއް އެކެޑަމީ ފުޅާކުރުމަކީ. އެގޮތުން އަންނަ އަހަރު 14 އަހަރުން ދަށަށް ވެސް ފަށަން ޓާގެޓްކޮށްފައި މި އޮތީ. އެއީ ވެސް ކުޅުންތެރިން އިތުރަށް ޓްރެއިން ކުރުމަށް ބޭނުންވާތީ،" މާއްޓޭ ބުންޏެވެ.
ފެސްޓިވަލަށް ފަހު މި އަހަރަށް އެކެޑަމީގެ ހަރާކާތްތައް ނިންމާލުމަށް ފަހު ދެން ފަށާނީ ސްކޫލް ބޮޑު ޗުއްޓީ އަށް ފަހު އަންނަ އަހަރު އެވެ. މާއްޓޭ ބުނީ އަންނަ އަހަރު ކުދިން އެކެޑަމީ އަށް އިތުރުވާއިރު ކޯޗުންގެ ރިފްރެޝަ ކޯސްތަކެއް ކުރިއަށްގެންދިއުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މި ފެސްޓިވަލްގެ ހާއްސަ މެހެމާނެއްގެ ގޮތުން ގެންނަން ހަމަޖެހިފައި ވަނީ މާއްޓޭއާ އެކު ލެގޫންސް އަށް ކުޅުނު ޑެންމާކުގެ ކިމް އެވެ. މާއްޓޭ ބުނީ ފެސްޓިވަލްގައި ބައިވެރިވުމުގެ އިތުރުން ކުޅުދުއްފުށީގައި ކުރިއަށްދާ މުބާރާތެއްގައި އެ ރަށު ޓީމަކަށް ކިމް އިރުޝާދު ދޭގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.