ފުރަތަމަ ހަ މަހު ދައުލަތުގެ ހަރަދު 12 ބިލިއަން ރުފިޔާ!
ފުރަތަމަ ހަ މަހު ދައުލަތުގެ ހަރަދު 12 ބިލިއަން ރުފިޔާ!

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ މަހުގެ ދައުލަތުގެ ހަރަދު 3.1 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެ އިދާރާއިން އާމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ދައުލަތް ހިންގުމުގެ ހަރަދުގެ ގޮތުގައި 12 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ހޭދަކޮށްފައި ވަނީ ހަތް ބިލިއަން ރުފިޔާ އެވެ. މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 27.9 ބިލިއަން ރުފިޔާ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު ވެސް ވަނީ އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދުތަކަށް މުޅި އަހަރަށް 16 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަ މަހާއި މިިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ދައުލަތުގެ ރިކަރަންޓް ހަރަދު ވަނީ 1.5 ބިލިއަން ރުފިޔާ އިތުރު ވެފަ އެވެ. އެ އަދަދު އިތުރުވެގެން ދިއުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ އިދާރީ ކަންކަމާއި، ހިންގުމުގެ ހަރަދުތައް މި އަހަރުގެ ތެރޭގައި ގިނަވެފައި ވުމުން ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

އޭގެ އިތުރުން، ދައުލަތުގެ ކެޕިޓަލް ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއިން އިތުރުވެފަ އެވެ. އަދި މައިގަނޑު ގޮތެއްގައި ކެޕިޓަލް ހަރަދު މައްޗަށް ގޮސްފައި ވަނީ ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންގޮސްފައި ވާތީ އެވެ. މިފަދަ ކަންތައްތަކުގައި ހޭދަ ކުރުމަށް ދައުލަތުން
މި އަހަރަށް ކަނޑައަޅާފައި ވަނީ 11 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދު ތިން ބިލިއަން ރުފިޔާ އަށް އަރާފައި ވީނަމަވެސް، ނިމިގެން ދިޔަ ހަ މަސްތެރޭގައި ދައުލަތުގެ އާމްދަނީ ވަނީ 760.1 މިލިއަން ރުފިޔާ އިތުރު ވެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައި ވާތީ އެވެ. އޭގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރު ވެފަ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބަޖެޓް ޑެފިސިޓް މައިގަނޑު ގޮތެއްގައި ފައިނޭންސްކޮށްފައި ވަނީ ބޭރުން ދަރަަންޏަށް ފައިސާ ނަގައިގެންނެވެ.