01 ނޮވެމްބަރ 2018 - 06:56

ރިލީޒް ކުރާނެ ދުވަހެއް އޮޅުންބޮޅުން ވަމުން ދިޔަ ސާރާ އަލީ ހާންގެ ފިލްމު "ކެދަރުނާތު" އަނެއްކާ ވެސް މި އަހަރު ރިލިޒް ކުރަން ނިންމައި، އާ ތާރީހަކާ އެކު ފިލްމުގެ އާ ޕޯސްޓަރާއި ފުރަތަމަ ޓީޒާ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
ޑައިރެކްޓަރު އަބީޝެ ކަޕޫރް ޓްވިޓާގައި އާންމުކުރި އާ ޕޯސްޓަރުގައިވާ ގޮތުން ފިލްމު ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. މީގެ ކުރިން އާންމު ކުރި ޕޯސްޓަރެއްގައި ބުނީ "ކެދަރުނާތު" ރިލީޒް ކުރާނީ ނޮވެމްބަރު މަހުގެ 30 ގައި ކަމަށެވެ.
ނަމަވެސް އެ ތާރީހުގެ އެއް ދުވަސް ކުރިން ނޮވެމްބަރު މަހުގެ 29 ގައި ރަޖްނީކާންތާއި އަކްޝޭ ކުމާރު ބޮޑު ބަޖެޓަކުން ހަދާފައިވާ ސައިންސް ފިކްޝަން ފިލްމު "2.0" ރިލީޒް ކުރަން ނިންމުމާ ގުޅިގެން "ކެދަރުނާތު" އަންނަ އަހަރުގެ އެޕްރީލަށް ފަސްކޮށްފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.
އެކަމަކު މިހާރު މި ފިލްމު ރިލީޒް ކުރަން ހަމަޖެއްސި ތާރީހަކީ ކުރިން އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްގެ އިތުރުން އަޖޭ ދޭވްގަންގެ ފިލްމު "ޓޯޓަލް ދަމާލް" ރިލީޒް ކުރަން އޮތް ތާރީހެވެ. އެ ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 22 އަށް ފަސްކޮށްފަ އެވެ.
ސައިފް އަލީ ހާނާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދޮށީ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފު ކުރަން މިދިޔަ އަހަރު މަސައްކަތް ފެށި "ކެދަރުނާތު" އެންމެ ފުރަތަމަ ރިލީޒް ކުރާ ގޮތަށް ނިންމީ މިދިޔަ ޖޫން މަހު އެވެ. އެކަމަކު ފިލްމަަށް އެކި ފަހަރު މަތިން ދިމާވަމުން ދިޔަ މައްސަލަތަކާ ގުޅިގެން، "ކެދަރުނާތު" ރިލީޒް ކުރާނެ ތާރީހެއް ކަށަވަރުވުން ވެސް އޮތީ ބޮޑު ކަންތައްގަނޑެއްގެ ގޮތުގަ އެވެ.
އެހެންވެ ސާރާގެ ފުރަތަމަ ފިލްމަކަށްވާނީ ޑިސެމްބަރު މަހުގެ 28 ގައި ރިލީޒް ކުރާ ރޯހިތު ޝެޓީގެ "ސިމްބާ" ކަމަށް ގަބޫލު ކުރެވުނެވެ. ނަމަވެސް މިހާރު ތާރީހަށް ގެނައި ބަދަލާ އެކު، ސާރާގެ އަލަތު ފިލްމަކަށް ވާނީ "ކެދަރުނާތު" އެވެ.
މި ފިލްމުގައި ސާރާއާ އެކު ބަތަލުގެ ރޯލް ކުޅެފައި ވަނީ ސުޝާންތު ސިންގް ރާޖްޕޫތެވެ. "ސިމްބާ" ގެ ބަތަލަކީ ރަންވީރު ސިންގް އެވެ.
ކޮންމެއަކަސް މިހާރު މިވީ ގޮތުން ޑިސެމްބަރަކީ ސާރާގެ ގެ ފިލްމެއް ސިނަމާ އަށް އަންނާނެ މަހެކެވެ. އޭނާގެ އެކްޓިން ބަލައިލަން ގިނަ ބަޔަކު މިހާރު ވެސް ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ. "ކެދަރުނާތު" ޓީޒާ އިން ފެންނަ ގޮތުގައި ސާރާވެގެން ދާނީ ކުރިއަށް އޮތް ތަނުގައި ބޮލީވުޑުން ފެންނާނެ އެންމެ އުންމީދީއެއް ބަތަލާއަށެވެ. އަދި އޭނާގެ މަންމައާ ސާރާ ވަރަށް ބޮޑަށް ވައްތަރުކަން ފާހަގަ ކުރެވެ އެވެ.