މާރޭޒް ޖެހި ގޯލު، މަރުވި ލެސްޓާގެ ވެރިޔާއަށް ހާއްސަކޮށްފި
މާރޭޒް ޖެހި ގޯލު، މަރުވި ލެސްޓާގެ ވެރިޔާއަށް ހާއްސަކޮށްފި

ލަންޑަން (އޮކްޓޫބަރު 30) - ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ކޮޅަށް މެންޗެސްޓާ ސިޓީގެ ރިޔާދު މާރޭޒް ޖެހި ގޯލު، ދާދި ފަހުން ހެލިކޮޕްޓަރު ހާދިސާއެއްގައި މަރުވި ލެސްޓާ ސިޓީގެ ވެރިޔާ ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާ އަށް ހާއްސަކޮށްފި އެވެ.

ހޮނިހިރު ދުވަހުގެރޭ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ 1-1 އިން އެއްވަރުވި މެޗަށް ފަހު ލެސްޓާގެ ވެރިޔާ ވިޗާއީ ދަތުރުކުރި ހެލިކޮޕްޓަރު ސްޓޭޑިއަމް ކައިރިއަށް ވެއްޓުނު ހާދިސާގައި އޭނާ މަރުވެފައިވާކަން އެ ކްލަބުން ހާމަކުރީ ހާދިސާ ހިނގިތާ އެތައް އިރެއް ފަހުން، އިއްޔެ އެވެ. ވިޗާއިގެ އިތުރުން އެ ބޯޓުން ދަތުުރުކުރި އިތުރު ހަތަރު މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެއީ ވިޗާއިގެ ދެ ސްޓާފުންގެ އިތުރުން ޕައިލެޓާއި އިތުރު ފަސިންޖަރެކެވެ.

ލެސްޓާ ދޫކޮށް މާރޭޒް ސިޓީ އަށް ބަދަލުވީ މި ސީޒަނުގަ އެވެ. ފަހަކަށް އައިސް ސިޓީގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މާރޭޒް، ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ވަނީ މައްޗަށް އިޝާރާތްކޮށްފަ އެވެ.

"އަހަރެން ލެސްޓާގައި ހަތަރު އަހަރާއި ބައި ހޭދަކުރިން. ވަރަށް ރަނގަޅު ހަނދާންތަކެއް އެ ކްލަބާ އެކު ވާނެ. ވިޗާއި އަކީ ވަރަށް ރަނގަޅު، ހިތްހެޔޮ މީހެއް. އެއީ އަހަންނަށް ބައްޕައެއް ފަދަ މީހެއް. އެހެންވެ ލަނޑު ޖެހުމަށް ފަހު އަހަރެން މައްޗަށް އިޝާރާތްކޮށް އުފާފާޅުކުރީ އޭނާ އަށް މި ލަނޑު ހާއްސަކުރަން،" ރޭގެ މެޗަށް ފަހު މާރޭޒް ބުންޏެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ސްޓޭޑިއަމް ކައިރީގައި އޮތް ކާރު ޕާކިން ޒޯނަކުން ނައްޓާލި ތަނުންނެވެ. މަންޒަރު ދުށް މީހަކު ބުނީ ހެލިކޮޕްޓަރުގެ ހަރަކާތް ހުއްޓި އެންމެ ފަހުން ކޮންޓްރޯލެއް ނެތި ތިރިވީ ކަމަށާއި އެ ވަގުތު އެއްޗެއް ގޮވި އަޑާ އެކު ބޮޑު އަލިފާންގަނޑެއް ފެނުނު ކަމަށެވެ.

ތައިލެންޑުގެ ކިންގް ޕަވާ ކޮމްޕެނީގެ ވެރިޔާ ވިޗާއީ ލެސްޓާ ސިޓީ ގަތީ 2010 ވަނަ އަހަރު 39 މިލިއަން ޕައުންޑަށެވެ. އެ ޓީމުން 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ ފަހަރު ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ މާރޭޒް އެވެ.

ވިޗާއިގެ މަރުގެ ހަބަރާ ގުޅިގެން ލެސްޓާގެ ކުޅުންތެރިންނާއި، މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އިނގިރޭސި އެފްއޭ އާއި މަޝްހޫރު ކްލަބްތަކުން އޭނާ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވާއިރު، ލީގުގެ މެޗުތަކުގައި ޓީމުތަކުން ކުޅެނީ ވިޗާއިގެ ހަނދާނުގައި ކަޅު ބޭންޑް އަޅައިގެންނެވެ.