ރެފިއުޖީއެއްގެ ވާހަކައަކާ އެކު ސްޓީވެން ސްޕީލްބާގާއި ޖޭޖޭ އަބްރަމްސް
ރެފިއުޖީއެއްގެ ވާހަކައަކާ އެކު ސްޓީވެން ސްޕީލްބާގާއި ޖޭޖޭ އަބްރަމްސް

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސީރިއާ ރެފިއުޖީ އަންހެނަކު ކުޑަ ދެ ކުދިންނާ އެކު، ފުރާނަ ސަލާމަތްކުރަން ކުރާ މަސައްކަތްތައް ކިޔައިދޭ އަސަރުގަދަ ވާހަކަ "އަ ހޯޕް މޯ ޕަވަފުލް ދޭން ދަ ސީ: ވަން ރެފިއުޖީޒް އިންކްރެޑިބަލް ސްޓޯރީ އޮފް ލަވް، ލޮސް އެންޑް ސަވައިވަލް" އަށް ހޮލީވުޑްގެ މަޝްހޫރު ދެ ޕްރޮޑިއުސަރުން ކަމަށްވާ ސްޓީވެން ސްޕީލްބާގާއި ޖޭޖޭ އަބްރަމް ފިލްމެއް ހަދަން ނިންމައިފި އެވެ.

މެލީޒާ ފްލެމިންގް ލިޔެފައިވާ ފޮތަށް ބިނާކޮށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ލީނާ ޑަނަމް އެވެ. ޕެރަމައުންޓް ޕިކްޗާޒްއާ ގުޅިގެން މި ފިލްމު ޕްރޮޑިއުސް ކުރާނީ ސްޕީލްބާލްގެ އެމްބްލިން އެންޓަޓައިންމަންޓާއި ޖޭޖޭގެ ބޭޑް ރޮބޮޓް ފިލްމުންނެވެ.

ނުފޫޒު ގަދަ ދެ ފަންނާނަކު އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން ނިންމާފައިވާތީ މެލީޒާ ވަނީ އޭނާގެ ޝުއޫރުތައް ޓްވިޓާގައި ވެސް ފާޅުކޮށްފަ އެވެ.

ޔޫއެން ހައި ކޮމިޝަނަރުގެ އިސް ތަރުޖަމާނުގެ މަގާމު ވެސް އަދާކުރަމުން އަންނަ މެލީޒާ ވިދާޅުވީ އޭނާގެ ފޮތަށް ފިލްމެއް ހަދަން ނިންމުމަކީ ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޝާމިލުވާ ޓީމަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެ ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ.

"އަ ހޯޕް މޯ ޕަވަފުލް ދޭން ދަ ސީ" ގައި ކިޔައި ދެނީ ސީރިއާގެ ހަނގުރާމައާ ގުޅިގެން މިސްރަށް ދިއުމަށް ފަހު، ސްވިޑްން އަށް ހިޖުރަ ކުރަން ކަނޑުމަގުން ދެ ދަރިންނާ އެކު ދަތުރު ކުރަނިކޮށް ބޯޓު ހަލާކުވެ، ކަނޑުމަތީގައި ނުރައްކާތެރި އަދި ބިރުވެރި ތަޖުރިބާއެއް ކުރަން ޖެހުނު ދޯއާ އަލް ޒަމެލްގެ ވާހަކަ އެވެ.

މި ޕްރޮޖެކްޓާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ކާސްޓުންނާއި ޑައިރެކްޓަރަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ކްއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ލީނާއަކީ އެޗްބީއޯގެ "ކޭމްޕިން" އާއި "ގާލްސް" ގެ އެއް ސިކުނޑި އެވެ. ދެހާސް ދިހައެއްގައި ރިލީޒް ކުރި ކޮމެޑީ ފިލްމު "ޓައިނީ ފަރްނީޗާ" އަކީ ވެސް ލީނާ ލިޔެ، ޑައިރެކްޓްކޮށް އަދި ލީޑް ކުޅުނު ފިލްމެކެވެ.