30 އޮކްޓޯބަރ 2018 - 10:21

ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ހޯދި މޮޅާ އެކު އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލް ވަނީ އެއް ވަނަ އަށް އަރައިފަ އެވެ. އެކަމަކު ސިޓީ ރޭގެ މެޗުން މޮޅުވުމުން އެ ޓީމަށް އަލުން އެއް ވަނަ ލިބުނީ 10 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވެސް 10 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
އެމެރިކަން ފުޓްބޯޅަ ކުޅެން ވެމްބްލީ ސްޓޭޑިއަމް ދޫކުރާތީ އެ ތަނުގެ ވިނަގަނޑު ހަލާކުވާތީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވެސް ވަނީ ޝަކުވާކޮށްފަ އެވެ. ޓޮޓެންހަމްގެ އާ ދަނޑު ހުޅުވަންދެން އެ ޓީމުގެ ހޯމް މެޗުތައް ވެމްބްލީގައި ކުރިއަށްދާއިރު، ދަނޑުގެ ވިނަގަނޑު އޮންނަ ގޮތުން އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވެ އެވެ. ރޭގެ މެޗުގައި ސިޓީ އާއި ޓޮޓެންހަމަށް އެކަމުގެ އުނދަގޫ ކުރިމަތިވި އެވެ.
މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ސިޓީގެ ލަނޑު ޖަހައިދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އަލްޖީރިއާގެ ވިންގް ރިިޔާދު މާރޭޒް އެވެ. ރަހީމް ސްޓާލިން ހުސްކޮށްލާފައި ދިން ބޯޅަ މާރޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި ޓޮޓެންހަމަށް ލަނޑު ޖަހައިދޭން ހެރީ ކޭން އާއި މުހައްމަދު ސިސޯކޯ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ކޭން ޖެހި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، ސިސޯކޯ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނީ ފަހު ވަގުތު ހެދުނު ގޯހަކުންނެވެ.
ދެ ވަަނަ ހާފްގެ ކުރީކޮޅުގައި ސިޓީގެ ސްޓާލިން އާއި ސާޖިއޯ އަގުއޭރޯ އަށް ލީޑުފުޅާކުރަން ލިބުނު ބޯޅަތަކުގެ ބޭނުން ނުހިފުނެވެ. އަގުއޭރޯ ޖެހި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް މަތަކުރިއިރު، ސްޓާލިންގެ ހަމަލާ ހުއްޓުވީ ޓޮޓެންހަމްގެ ފުލްބެކް ކިއެރަން ޓްރިޕިއޭ އެވެ.
ޓޮޓެންހަމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އާޖެންޓީނާގެ މިޑްފީލްޑަރު އެރިކް ލަމޭލާ އަށެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އޭރިއާ ރޮނގުމަތިން ލަމޭލާ ހުސްކޮށްހުރެ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުގެ އެހާ ކުރީކޮޅު ސިޓީން ލީޑުނެގުމުން އަލުން މެޗުގެ ތެރެއަށް އަންނަން އުނދަގޫވި ކަމަށާއި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނު ނަމަ މިއީ މަދުވެގެން ޕޮއިންޓެއް ހޯދޭނެ މެޗެއް ކަމަށެވެ.
ލީގުގެ ފުރަތަމަ 10 މެޗުން ސިޓީ ކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ރޭގެ މެޗުގައި ވެސް ސިޓީ ޑިފެންޑަރުން ވަނީ ޖުމްލަ ގޮތެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެ ޓީމުގެ ޑިފެންޑަރުންނަށް ތައުރީފްކޮށްފަ އެވެ.