31 އޮކްޓޯބަރ 2018 - 07:35

ޑައިރެކްޓަރު އަނޫރާގް ބާސޫގެ އާ ފިލްމަކީ 2007 ގައި ގެނެސް ދިން ފިލްމު "ލައިފް އިން އަ...މެޓްރޯ" ގެ ސީކްއެލްއެއް ކަމަށް މީޑިއާތަކުން ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް އޭނާ ބުނެފި އެވެ.
މިހާރު ޝޫޓިން ކުރިއަށްދާ ފިލްމުގެ މަސައްކަތުގެ ތެރޭގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން، "މާޑާ" އާއި "ބަރްފީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުނީ އެއް އިރެއްގައި ވެސް އޭނާގެ އާ ފިލްމަކީ "މެޓްރޯ" ގެ ސީކްއެއް ކަމަށް ނުބުނާ ކަމަށެވެ.
"އެކަމަކު މި ވެސް ހަމަ ތަފާތު ހަތަރު ވާހަކައެއް ކިޔައިދޭ ގޮތަށް، ހަތަރު ސެގްމަންޓަށް ހަދާ ފިލްމެއް،" ފިލްމުގެ ނަމާއި ވާހަކަ ހާމަ ނުކޮށް އޭނާ ބުންޏެވެ. "ކުރީގެ ފިލްމާ ވެސް އެއްގޮތަށް މީގެ ސެގްމަންޓްތައް ހުންނާނީ އެއް ބައި އަނެއް ބަޔާ ގުޅި ލާމެހިގެންދާ ގޮތަށް."
ޓީ ސީރީޒްއާ ގުޅިގެން ހަދާ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް ދަނީ އަބީޝެކް ބައްޗަންއާ އެކުގަ އެވެ. ބައެއް މީޑިއާތަކުން ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ އަބީޝެކްގެ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަބީޝެކާ ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގއިަ ރާޖްކުމާރް ރާއޯ، ފާތިމާ ސަނާ ޝެއިހް، އަދިތިޔާ ރޯއި ކަޕޫރް އަދި ތާޕްސީ ޕައްނޫގެ އިތުރުން ވެސް ގިނަ ތަރިންތަކެއް ފެނިގެން ދާނެ އެވެ.
އަދި ފިލްމުގެ ރޯލެއް ޕަރިނީތީ ޗޯޕްޅާ އަށް ހުށަހެޅި ނަމަވެސް، އޭނާ އަށް ފިލްމަށް ވަގުތު ދެވެން ނެތިގެން ފިލްމު ދޫކޮށްލި ކަމަށް ބައެއް މީޑިއާތަކުން ބުނާތީ އަނޫރާގް ވަނި ޓްވިޓާގައި އެކަން ދޮގުކޮށްފަ އެވެ. އޭނާ ބުނީ އެއް އިރެއްގައި ވެސް ޕަރިނީތީ އަށް ފިލްމު ހުށަނާޅާ ކަމަށެވެ.
އަބީޝެކާ ބެހޭ ގޮތުން އަނޫރާގް ބުނީ އެއީ އަބަދު ވެސް އޭނާ އަށް ވަރަށް ކަމުދާ އެކްޓަރެއް ކަމަށެވެ. އަދި މި ފިލްމުން ދިން ރޯލު އަބީޝެކަށް ހުށަހެޅުމާ އެކު އޭނާ އެ ރޯލް ގަބޫލު ކުރީތީ ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.
"އޭނާއާ އެކު މަސައްކަތްކޮށްލާނެ ފުރުސަތަކަށް ބަލާތާ ވަރަށް ދުވަސް ފަހުން މި ފިލްމުން އެކަން މިވީ،" މިދިޔަ އަހަރު "ޖައްގާ ޖާސޫސް" ގެނެސް ދިން އަނޫރާގް ބުންޏެވެ. "އަހަންނަށް ވަރަށް ކަމުދާ އެކްޓަރެއް އަބީޝެކަކީ."
އެންތޮލޮޖީ ފިލްމެއްގެ ގޮތުގައި ގެނެސް ދިން "ލައިފް އިން އަ...މެޓްރޯ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ ކާސްޓުންނަކީ ޝިލްޕާ ޝެޓީ، ޝައިނީ އަހޫޖާ، ކަންގަނާ ރަނާވަތު، ކޭކޭ މެނަން، ކޮންކޮނާ ސެން ޝަރްމާ، ދަރުމެންދުރާ، ނަފީސާ އަލީ، އިރްފާން ހާން އަދި ޝަރުމަން ޖޯޝީ ހިމެނެ އެވެ.
އަނޫރާގުގެ އާ ފިލްމު ރިލީޒް ކުރާ ދުވަހެއް އަދި އިއުލާން ނުކުރިޔަސް، މި ފިލްމު އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.