30 އޮކްޓޯބަރ 2018 - 08:23
ރޭ ފަތިހު 3:30 ހާއިރުން ފެށިގެން މާލެއަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ އާންމުކޮށް އެ މައްސަލަ ކުރިމަތިވާ އަމީނީމަގާއި އައިޖީއެމްއެޗު ހިމެނޭ ސަރަހައްދުގެ މަގުތަކުގަ އެވެ. އެހެންވެ، ހެނދުނު ސްކޫލްތަކަށް ކުދިން ގެންދިއުމަށާއި އޮފީސްތަކަށް މީހުން ދިއުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި އެވެ. ޚާއްސަކޮށް އަމީނީ މަގުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެފައި އޮތުމުން އެ ސަރަހައްދުގައި ހުރި ސްކޫލްތަކަށް ކުދިން ގެންދިއުމުގައި ބެލެނިވެރިންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި އެވެ.
އެއް ބައެއްގެ ޝަކުވާ އަކީ މިހާ ވަރަށް މާލޭގެ މަގުތަކުގައި މިއަދު ފެންބޮޑުވިއިރު، ސްކޫލްތަކުގެ ކިޔެވުން ބަންދު ނުކުރި މައްސަލަ އެވެ. މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ފެން ހިންދާ ނިޒާމު ގާއިމް ކޮށްފައިވީ ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ވެހުނު ބޯ ވާރޭގައި ވެސް މާލޭގެ ގިނަ މަގުތަކުގައި ފަހުގެ ތާރީޚެއްގައި ނުވާ ވަރަށް ވަރަށް ފެން ބޮޑުވުން އެންމެ ކުރީގެ ހާލަތަށް ވެއްޓިފައިވާ ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެންވެ، މިފަދަ ދުވަހެއްގައި ސްކޫލްތަކުގެ ކިޔެވުން ބަންދު ނުކުރުމުން އެކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެން ހިންދާ ނިޒާމުގެ ގިނަ ޕަމްޕް ސްޓޭޝަންތަކުގެ ޕެނަލް ބޯޑަށް ވަނީ ގެއްލުން ދީ ހަލާކު ކޮށްފައި ކަމަށެވެ. އަދި ބައެއް ޕަމްޕް ސްޓޭޝަންތަކުގެ ކަރަންޓު ސަޕްލައި ކަނޑާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަން ކުރި ބައެެއްގެ ނާތަހުޒީބު އަމަލު ކުށްވެރި ކުރައްވަމުން މިނިސްޓަރު މުއިއްޒު ވަނީ މި ދަނޑިވަޅުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް މާފަށް އެދިވަޑައިގެންފަ އެވެ.
މާލެ އަށް މި ދުވަސްވަރު ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިން ބުނެފަ އެވެ.
މާލެ އަށް ބޯކޮށް ވާރޭ ވެހި އެންމެ ފަހުން ފެންބޮޑުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ ފަހުގެ ތާރީޚެއްގައި މާލޭގައި އާދަޔާ ޚިލާފަށް ފެންބޮޑުވި ދުވަސް ވެސް މެ އެވެ.