30 އޮކްޓޯބަރ 2018 - 08:45

މެޑްރިޑް (އޮކްޓޫބަރު 30) - ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުރި ހުލެން ލޮޕެޓެގީ މަގާމުން ވަކިކޮށް އެ ޓީމުގެ ވަގުތީ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ އަދި ރެއާލް ބީ ޓީމުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ހަމަޖައްސައިފި އެވެ.

ލޮޕެޓެގީ އަކީ، ރެއާލަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު މިދިޔަ ސީޒަނަށް ފަހު ޒައިނުއްދީން ދިޒާން ކުއްލި ގޮތަކަށް ވަކިވުމުން ގެނައި ކޯޗެކެވެ.
ރެއާލުން އޭނާ ގެންނަކަން އިއުލާންކުރި އިރު ލޮޕެޓީގް ހުރީ ސްޕެއިނާ އެކު ވޯލްޑް ކަޕަށް ދިއުމަށް ދަތުރުމަތީގަ އެވެ. ބޮޑު މުބާރާތެއް ބޯމަތީގައި އޮއްވާ ރެއާލުން އެހެން ހެދުމުން، ހިތްހަމަނުޖެހި ސްޕެއިނުން ލޮޕެޓީގް ވަކިކުރި އެވެ. ރެއާލުގެ ކޯޗަަކަށް ލޮޕެޓެގީ ހުރީ ހަތަރު މަހާއި ބައިގެ މުއްދަތަކަށެވެ. އަދި ރެއާލުން ލޮޕެޓެގީ ވަކިކުރުމާ އެކު އޭނާ އަށް ގާތްގަނޑަކަށް ފަސް މަސް ދުވަސް ތެރޭ މި ވަނީ ބޮޑު ދެ ޓީމެއްގެ ވަޒީފާ ގެއްލިފަ އެވެ.
ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޮޕެޓެގީ ވަކިކުރަން ނިންމީ ދެ ފަރާތުން ދެކެވުނު ވާހަކަތަކަށް ފަހު ކަމަށެވެ. ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ރެއާލުން އިއްޔެ ތަމްރީންތައް ކުރިއަށްގެންދިޔަ އެވެ. އޭނާ ވަކިކުރަން ނިންމީ ރޭ ބޭއްވުނު ރެއާލުގެ ބޯޑު މެމްބަރުންގެ ބައްދަލުވުމަކަށް ފަހު އެވެ.
ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅުނު އެންމެ ފަހު މެޗަކީ މިދިޔަ އާދިއްތަ ދުވަހު ވާދަވެރި ބާސެލޯނާ އަތުން 5-1 އިން ބަލިވި މެޗެވެ. ރެއާލް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. ހޯދުނީ އެންމެ މޮޅެކެވެ.
ރެއާލް މި ވަގުތު ލީގުގެ ނުވަ ވަނައިގައި އޮތީ 10 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މިއީ 2000-2001 ވަނަ އަހަރުގެ ފަހުން ރެއާލް އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.
އުމުރުން 52 އަހަރުގެ ލޮޕެޓީގުގެ ކޯޗިން ކެރިއަރު ފެށުނީ 2003 ވަނަ އަހަރު ސްޕެއިން 17 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ. ފަހުން ސްޕެއިންގެ ކްލަބް ރަޔޯ ވަޔޮކާނޯ އަށް ކޯޗުކޮށްދިނުމަށް ފަހު ރެއާލުގެ ޔޫތު ޓީމުގައި ވެސް މަސައްކަތްކުރި އެވެ.
އޭގެ ފަހުން އޭނާ ވަނީ ސްޕެއިނުގެ ތިން އުމުރު ފުރައެއްގެ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފަ އެވެ. ސްޕެއިން ސީނިއާ ގައުމީ 2016 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ލޮޕެޓީގް ވަނީ ދެ ސީޒަނުގައި ޕޯޗުގަލްގެ ޕޯޓޯ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
ރެއާލުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ސޮލާރީ މީގެ ކުރިން ހުރީ ރެއާލުގެ ބީ ޓީމު ކަމަށްވާ ކަސްޓީއާގެ ކޯޗަކަށެވެ. ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅޭ ފުރަތަމަ މެޗުގައި ސްޕެނިޝް ކަޕްގައި ބުދަ ދުވަހުގެރޭ ނުކުންނާނީ ހަތަރު ވަނަ ޑިވިޝަންގެ ޓީމަކާ ދެކޮޅަށެވެ،
ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން އަންނަނީ އެ ޓީމުގެ ދާއިމީ ކޯޗަކަށް ޔުވެންޓަަސް އާއި ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން އޭނާއާ އެކު މަޝްވަރާތައް ކުރަމުންނެވެ. އެކަމަކު ކޮންޓޭ ގެންނަން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ދާއިމީ ކޯޗަކަށް ސޮލާރީ ބަހައްޓަން ވަނީ ނިންމައިފަ އެވެ.