"ފެޝަން" ގެ ދެވަނަ ބައެއް ހަދައިފާނެ ކަމުގެ އިޝާރާތެއް މަދޫރު ބަންޑާކަރް ދީފި
"ފެޝަން" ގެ ދެވަނަ ބައެއް ހަދައިފާނެ ކަމުގެ އިޝާރާތެއް މަދޫރު ބަންޑާކަރް ދީފި

ޕްރިޔަންކާ ޗޯޕްޅާ އާއި ކަންގަނާ ރަނާވަތަށް ނެޝަނަލް އެވޯޑް އުފުލައިލަ ދިން 2008 ގެ ކާމިޔާބު ފިލްމު "ފެޝަން" ގެ ދެވަނަ ބައެއް ހަދައިފާނެ ކަމުގެ އިޝާރާތެއް ޑައިރެކްޓަރު މަދޫރު ބަންޑާރް ދީފި އެވެ.

"ފެޝަން" ރިލީޒް ކުރިތާ، ހޯމަ ދުވަހަށް 10 އަހަރު ފުރި އެކަން އިންސްޓަގްރާމްގައި ފާހަގަ ކުރުމަށްފަހު، ހުނަރުވެރި ޑައިރެކްޓަރު ހިންދުސްތާން ޓައިމްސް އަށް ބުނީ "ފެޝަން" ގެ ދެވަނަ ބަޔަކަށް އޭނާގެ ހިޔާލުތައް އެނބުރެމުން އަންނަ ކަމަށެވެ.

"އެބައިން އޭގެ ސްޓޯރީ ކުރިއަށް ގެންދާނެ ގޮތުގެ އައިޑިއާތަކެއް. ފުރަތަމަ ކަމަކަށް އޮންނާނީ ސްކްރިޕްޓް ލިޔުން. އެހެންވެ ފެޝަންގެ ދެވަނަ ބައެއްގެ ތަފުސީލަކަށް ދާން އަދި ވަރަށް އަވަސް،" އާންމުކޮށް އަންހެނުންގެ މައްސަލަތަކަށް ފިލްމު ހަދާ މަދޫރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އާ ފިލްމެއްގެ މަސައްކަތަށް ތައްޔާތުވަމުން އަންނަ އިރު، ދެން ވެސް އޭނާ ހަދާނީ ހަގީގީ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. އެކަމަކު އެއީ "ފެޝަން" ގެ ދެވަނަ ބައިކަން ކަށަވަރުކޮށް ދޭން "ޗާންދުނީ ބާ" އާއި "ޕޭޖް 3" ފަދަ ފިލްމުތައް ވެސް ގެނެސް ދިން މަދޫރު ވަނީ އިންކާރުކޮށްފަ އެވެ.

"ޔަގީނުން ވެސް ރިއަލް އިންސިޑެންޓްސް ކިޔައިދޭ ފިލްމެއް ދެން ވެސް ހަދާނީ" މިދިޔަ އަހަރު "އިންދޫ ސަރުކާރު" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

އޮކްޓޯބަރު، 29، 2008 ގައި ސިނަމާތަކަށް ގެނައި "ފެޝަން" އަކީ އިންޑިއާގެ މޮޑެލުންގެ ދިރިއުޅުމާއި ފެޝަން ދުނިޔޭގެ އަނދިރި ފަރާތް ވަރަށް ވެސް ފުރިހަމަ އަށް ކިޔައި ދިން ވަރަށް އަސަރު ގަދަ ފިލްމެކެވެ. މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެގެން ޕްރިޔަންކާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު އިރު، ކަންގަނާ ކުޅުނު ސަޕޯޓިން ރޯލަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް ލިބިފައިވެ އެވެ.

"ފެޝަން" ގެ ކާސްޓުންގެ ތެރޭގައި އަރުބާޒް ހާން، މުގްދޭ ގޮޑްސޭ، އަރުޖުން ބަޖްވާ އަދި ސަމީރު ސޯނީ ވެސް ހިމެނެ އެވެ.

"ފެޝަން" ގެ ބޮޑު ކާމިޔާބީ އަށް ފަހު، މަދޫރު ވަނީ ޕްރިޔަންކާ ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލު ވެސް ކުޅޭ ފިލްމެއް "މެޑަމްޖީ" ގެ ނަމުގައި ހަދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު 2015 ގައި އޭނާ ހޮލީވުޑަށް ހިޖުރަ ކުރުމުން އޭގެ މަސައްކަތް ޖެހުނީ ހުއްޓައިލާށެވެ. "މެޑަމްޖީ" އަކީ އައިޓަލް ގާލްއަކުން ސިޔާސީ ޝަހުސިއްޔަކަށް ބަދަލުވާ އަންހެނެއްގެ ވާހަކަ އަށް ބިނާކޮށްފައިވާ ފިލްމެކެވެ.