ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު އައްޔަން ކުރައްވައިފި
ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު އައްޔަން ކުރައްވައިފި

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު މިރޭ އައްޔަން ކުރައްވައި، އެ ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު އައްޔަން ކުރައްވައިފި
ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު އައްޔަން ކުރައްވައިފި

ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އަށް މެޖިސްޓްރޭޓް ކޯޓެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ބޭފުޅުން އައްޔަން ކުރުމުގެ އިތުރުން މެޖިސްޓްރޭޓް ކަމަށް ވެސް ހަތް ބޭފުޅަކު އައްޔަން ކުރި އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް އިބްރާހީމް ރިޒާ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގައި އެންމެ އިސްކަން ދޭން ޖެހޭނީ ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށް ކަމަށެވެ. އަދި މައްސަލަތައް ނިންމުމުގައި މަތީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރުން މުހިންމު ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.

ފަނޑިޔާރުންނަކީ މުޖްތަމައުގެ ތެރޭގައި ވަރަށް އަބުރުވެރި ގޮތަކަށް އުޅެންޖެހޭ ބައެއް ކަން ފާހަގަ ކުރައްވައި، ރިޒާ ވިދާޅުވީ އާންމު ދިރިއުޅުމުގައި އެ ކަންކަމަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާންމު ދިރިއުޅުމުގައި އުޅޭ އިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ އިސް ފަނޑިޔާރުގެ އިތުރުން މާލޭގެ ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ޖޭއެސްސީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.