29 އޮކްޓޯބަރ 2018 - 20:45

އައްޑޫގައި އިނގިރޭސީން ތިބި ދުވަސްވަރު އެ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިޝް ލޯޔަލްޓީ" ނައު އޮތް ސަރަހައްދު ހިމާޔަތް ކުރަން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން މިއަދު ނިންމައިފި އެވެ.

މީގެ އެތައް އަހަރެއް ކުރިން ފެތިފައިވާ އެ ނައުގައި މުރަކަ ހެދިފައިވާއިރު އެއީ ޓޫރިސްޓުންނާއި ގިނަ ދިވެހި ޑައިވަރުންގެ މަގުބޫލް ޑައިވިން ޕޮއިންޓެކެވެ.
އެ ސަރަހައްދުގެ އިތުރުން އީޕީއޭއިން ވަނީ އެންމަޑި ގިނަ އަދަދަކަށް އުޅޭ އެ ސިޓީގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި، އެތަން ވަށައިގެންވާ ކަނޑާއި، ފަޅާއި އެއްގަމުގެ ސަރަހައްދުވެސް ހިމާޔަތް ކުރަން ނިންމާފަ އެވެ.
އީޕީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ސަރަހައްދުތައް ހިމާޔަތް ކުރަން ނިންމީ ގުދުރަތީގޮތުންނާއި ޠަބީއީގޮތުން އޮތްގޮތަށް ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި އެ ސަރަހައްދުގެ ގުދުރަތީ މާހައުލުގެ މުއްސަނދިކަމުގެ ފައިދާ އާއި އިގްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ހޯދައި ދިނުމަކީވެސް މަގުސަދެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ހިމާޔަތް ކޮށްފައިވާ ސަރަހައްދަށް ފީނުމަށާއި، މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމުގައި އެ ސަރަހައްދުގެ މާހައުލަށާއި ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އީޕީއޭއިން އިލްތިމާސްކުރެ އެވެ. އަދި ހަ މަސް ފަހުން އެ ސަރަހައްދަށް ފީނައި ހެދޭނީ ފީއެއް ދައްކައިގެން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެ ފީ، ޓްރަސްޓް ފަންޑަކަށް ޖަމާކޮށް، ހަރަދުކުރުމަށް ނިންމާފައިވަނީ އެ ސަރަހައްދު ބެލެހެއްޓުމަށާއި އައްޑޫ ސިޓީގެ ތިމާވެށީ ހިމާޔަތްކުރުމަށާއި އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގުމަށެވެ.