ލަންކާ އޮތީ ސިޔާސީ ހުސްކަމެއްގައި، ވެރިއަކު ނެތް: ރަނިލް
ލަންކާ އޮތީ ސިޔާސީ ހުސްކަމެއްގައި، ވެރިއަކު ނެތް: ރަނިލް

ކޮލަމްބޯ (އޮކްޓޯބަރު 29) - ސިޔާސީ ގޮތުން ސްރީ ލަންކާ މިހާރު އޮތީ ހުސްކަމެއްގެ ތެރެއަށް ވެއްޓިފައި ކަމަށާއި ގައުމުގެ ކޮންޓްރޯލް ނެގޭވަރުގެ ވެރިއެއް މިހާރު ނެތް ކަމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ މިހާރު ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ޕާލަމެންޓުގެ ޖަލްސާތައް ވީއެންމެ އަވަހަކަށް ބާއްވަން ޖެހޭ ކަމަށެވެ.

"ޕާލަމެންޓުގެ މެޖޯރިޓީ އޮތީ ކޮން ބަޔަކަށްކަން ސާބިތު ކޮށްދޭން ޖެހޭނެ. ޕާލަމެންޓުގެ މެޖޯރިޓީ އޮތް ބޮޑު ވަޒީރަކީ އަޅުގަނޑު،" ރަނިލް ވިދާޅުވި އެވެ.

ރަނިލް މަގާމުން ދުރު ކުރުމަށް ފަހު ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އަންނަ މަހު 16އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ. ރަނިލް ގެންދަވަނީ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. އެކަމަކު ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ މިއަދު ވަނީ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފަ އެވެ.