30 އޮކްޓޯބަރ 2018 - 07:34

ސްމާޓްފޯންގައި ކެމެރާއަކީ ވަރަށް މުހިއްމު އެއްޗެކެވެ. މިހާތަނަށް ފޯނުގައި ހުންނަ ކެމެރާއަކީ ފާޅުގައި ފެންނަން ހުންނަ މުލިއްސެއް ކަހަލަ އެއްޗެކެވެ. އެކަމަކު ޝޯމީގެ ދެން އެންމެ އަވަހަށް ނުކުންނަ ފޯނުގައި އާންމުކޮށް ކެމެރާ ފެންނާކަށް ނުހުންނާނެއެވެ.

މީ މިކްސް 3 ގެ ނަމުގައި މި ފަހަރު ޝޯމީން މި ނެރޭ ފޯނުގައި ކެމެރާ ރައްކާކޮށްފައިވަނީ ސްކްރީންގެ ދަށުގައެވެ. ކެމެރާ ބޭނުންކުރަންވީމާ ސްކްރީން ތިރިއަށް ކަހާލުމުން ކެމެރާ ފާޅުވާނެއެވެ. ޝޯމީއިން ބުނާ ގޮތުގައި މިގޮތަށް ތިން ލައްކަ ފަހަރު ކަހާލުމުގެ ބާރު މި ފޯނުގައި ހުންނާނެއެވެ. ކެމެރާއަށް ޚާއްސަކޮށްފައިވާ ޖާގައިގާ ކުރިމަތިން ފޮޓޯ ނެގޭ ދެ ކެމެރާ ހުރެއެވެ. އެއް ކެމެރާއަކީ 24 މެގަޕިކްސަލް ކެމެރާއެކެވެ. މީގައި އަޅުވާފައިވާ ސޮނީގެ އައިއެމްއެކްސް576 ސެންސަރުގެ އެހީގައި، ފަނޑު އަލީގައި ސާފު ފޮޓޯ ނަގައިދެއެވެ.
ކެމެރާއަށް ވަކިން ޖާގައެއް ދީފައިވާތީ މި ފޯނުގެ ސްކްރީން، އެހެން ފޯނުތަކަށް ވުރެ ބޮޑުކަމަށް ދައްކައެވެ.

މީ މިކްސް 3 ގެ އެމޯލެޑް ސްކްރީންގައި ހުންނަނީ 6.4 އިންޗިއެވެ. ސްކްރީން ރިޒޮލިޔުޝަނަކީ 2340x1080 އެވެ. މުޅި ފޯނުގެ 93.4 ޕަސެންޓަކީ ސްކްރީނެވެ. މިއީ ސްމާޓް އެހެން ފޯނުތަކަށްވުރެ ބޮޑު ޖާގައެކެވެ.
މީ މިކްސް 3ގެ ސްކްރީން ކަހާލައިގެން ފެންނަ ކެމެރާ ހުންނަނީ ކުރިމަތީގައެވެ. ފޯނުގެ ފަހަތުގައި އާދައިގެ ދެ ކެމެރާ ހުރެއެވެ. މި ދެކެމެރާއަކީ ވެސް 12އެމްޕީގެ ދެ ކެމެރާއެވެ. 4ކޭ ފެންވަރުގެ ވީޑިއޯ ނަގައި ރައްކާކޮށްދެއެވެ. އަދި ސްލޯ މޯގައި އާދަޔާ ޚިލާފަށް ލަސްކޮށް ވީޑިއޯ ނަގައިދެއެވެ. އެއީ ސިކުންތަކު 960 ފްރޭމްގެ ރޭޓުގައެވެ. މީގެ އިތުރުން ރީތިކޮށް ފޮޓޯ ނަގައިދޭން އެހީތެރިވެދެނީ މި ފޯނުގައިވާ އާޓިފިޝަލް އިންޓެލިޖެންސެވެ.
މީ މިކްސް 3 ވިއްކަން ހުންނާނީ ތިން ކުލައަކުންނެވެ. އެއީ ފެހިކުލަ އާއި ނޫކުލަ އާއި ކަޅުކުލައެވެ. މިފަހަރުގެ ފޯނާއެކު ފޮށީގައި ވަޔަލަސް ޗާޖަރެއް ވެސް ހިމެނެއެވެ. މިއީ ނަން މަޝްހޫރު ބިޔަ ސްމާޓް ފޯން ކުންފުނިތަކުން މިހާތަނަށް ކުރި ކަމެއް ނޫނެވެ. ވަޔަލަސް ޗާޖަރަކީ ވަކިން ގަންނަންޖެހޭ އެއްޗެކެވެ.
މީ މިކްސް 3 ގައި 4 މޮޑަލެއް ހިމެނެއެވެ. ފުރަތަމަ މޮޑެލްގައި ހިމެނެނީ 6 ޖީބީގެ ރެމް އާއި 128ޖީބީގެ ސްޓޯރޭޖެވެ. ދެވަނަ މޮޑެލްގައި ސްޓޯރޭޖް ހުރިވަރަށް ހުރެ، ރެމްގެ ބާރުގައި 8 ޖީބީ ހުރެއެވެ. އަދި ތިން ވަނަ މޮޑެލްގައި ހުންނަނީ 8ޖީބީގެ ރެމްއާއި 256ޖީބީގެ ސްޓޯރޭޖެވެ. މި ފޯނުތަކުގެ އަގުތައް އުޅެނީ 475އެމެރިކާ ޑޮލަރާއި 720ޑޮލަރާ ދެމެދުގައެވެ. ޗައިނާގެ ބާޒާރަށް މީ މިކްސް 3 ނުކުންނާނީ ނޮވެމްބަރު 1ގައެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ޝޯމީގެ މީ މިކްސް 3 ވިއްކަން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.