ވެއްޓުނު ބޯޓަށް ކުރިން ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައި
ވެއްޓުނު ބޯޓަށް ކުރިން ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައި

ޖަކާޓާ (އޮކްޓޯބަރު 29) - އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އިން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖާވާ ކަނޑަށް މިއަދު ހެނދުނު ވެއްޓުނު ލަޔަން އެއާގެ މަތިންދާ ބޯޓަށް ކުރިން ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައި ކަމަށް ކުންފުނީގެ ސީއީއޯ އެޑްވާޑް ސިރައިޓް ވިދާޅުވެއްޖެ އެވެ.

"ބޯޓު ވަނީ ޖަކާޓާ އަށް ދަތުރު ކުރުމުގެ ކުރިން ބަލީގައި މަރާމާތުގެ މަސައްކަތެއް ކޮށްފައި. އޭގެ ފަހުން އެ ބޯޓު ޖަކާޓާ އަށް ދަތުރުކުރީ،" އޭނާ ވިދާޅުވި އެވެ.

އެޑްއާޑް ވިދާޅުވީ ޖަކާޓާ އިން މިއަދު ބޯޓު ފުރުމުގެ ކުރިން ވެސް މަރާމާތެއް ކުރި ކަމަށެވެ. އެއީ ޖަކާޓާގައި ތިބި އިންޖިނޭރުންނަށް ފޮނުވި ނޯޓަކާ ގުޅިގެންނެވެ. ބޯޓުގައި ކޮށްފައި ވަނީ ކޮން ބާވަތެއްގެ މަރާމާތެއްކަން ސީއީއޯ ވިދާޅެއް ނުވެ އެވެ.

"އެއީ ކޮންމެ ބޯޓެއްގެ ވެސް ނޯމަލް ޕްރޮސީޖާ އޮންނަ ގޮތް،" އޭނާ ވިދާޅުވި އެވެ.

ބޯޓު ވެއްޓިފައި ވަނީ މިއަދު ހެނދުނު ޖަކާޓާ އިން ސުމަތުރާގެ ޕަންގްކަލް ޕިނާންގަށް ފުރިތާ 13 މިނިޓް ފަހުންނެވެ. ބޯޓުން 178 ޕަސިންޖަރުންނާއި ތިން ކުޑަ ކުދިންނާއި ދެ ޕައިލެޓުންނާއި ފަސް އެޓެންޑެންޓުން ދަތުރުކުރި އެވެ. ބޯޓުގެ ޕައިލެޓަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ބަވްޔެ ސުނެޖާ، 31، އެވެ. މީގެ ހަތް އަހަރު ކުރިން ލަޔަން އެއާއާ ގުޅުނު ޕައިލެޓް 6،000 ގަޑިއިރު ދަތުރުކޮށްފައިވެ އެވެ. އިންޑޮނީޝީއާ އަށް ނިސްބަތްވާ ކޯ-ޕައިލެޓުގެ 5،000 ގަޑިއިރުގެ ފްލައިޓް އަވާސްގެ ތަޖްރިބާ ހުރި ކަމަށް އެއާލައިނުން ބުނެފައިވެ އެވެ.

ވެއްޓިފައި ވަނީ ބޯއިން 737 މެކްސް8 ގެ ބޯޓެކެވެ. ލަޔަން އެއާގައި މީގެ 11 ބޯޓު އޮވެ އެވެ. ކުންފުނީގެ ސީއީއޯ ވިދާޅުވީ އެހެން ބޯޓުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި އެހެންވެ އެ ބޯޓުތައް ގްރައުންޑް ކުރަން ނުވިސްނާ ކަމަށެވެ.

ބަޖެޓް އެއާލައިނެއް ކަމަށްވާ ލަޔަން އެއާގެ ބޯޓުތަކަށް މީގެ ކުރިން ވެސް ވަނީ އެކި ހާދިސާތައް ދިމާވެފަ އެވެ. މިދިޔަ އަހަރު ވަނީ އެ އެއާލައިނުގެ ބޯޓެއް ސުމަތުރާގެ ކުއަލަނަމޫ އެއާޕޯޓުގައި އޮތް ވިންގްސް އެއާގެ ބޯޓެއްގައި ޖެހިފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ވެސް ވަނީ ލަޔަން އެއާގެ ބޯޓެއް ރަންވޭން ނެއްޓި ބާލީ ކައިރިއަށް މޫދަށް ވެއްޓިފަ އެވެ. ބޯޓު ދެ ބުރިވި ނަމަވެސް އެ ފަހަރު އެއްވެސް މީހަކު މަރެއް ނުވެ އެވެ. ނަމަވެސް ގިނަ ބަޔަކު ޒަޚަމްވި އެވެ.