29 އޮކްޓޯބަރ 2018 - 14:20

ކޮލަމްބޯ (އޮކްޓޯބަރު 29) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަސްއޫލިއްޔަތާ ކުރީގެ ބާރުގަދަ ރައީސް މަހިންދާ ރާޖަޕަކްސާ މިއަދު ހަވާލުވެވަޑައިގެންފި އެވެ.

މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ބޮޑު ވަޒީރުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕާލަމެންޓުގެ ގިނަ އަދަދެއްގެ މެންބަރުންނާއި ބޮޑު ވަޒީރުގެ ސެކްރެޓަރީ ސިރިސޭނާ އަމަރަސޭކަރަ ބައިވެރިވެވަޑައިގެންނެވި އެވެ.
ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށް ރާޖަޕަކްސާ އަށް އެ މަގާމު ރައީސް މައިތުރިޕާލާ ސިރިސޭނާ ދެއްވީ ހުކުރު ދުވަހުގެ ރެ އެވެ. ނަމަވެސް ރަނިލް ގެންދަވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށް ވިދާޅުވަމުންނެވެ. ސިރިސޭނާ ވަނީ ޕާލަމެންޓުގެ ބައްދަލުވުންތައް ހުއްޓުވާލައިފަ އެވެ. ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ކަމަށް ބަލައިގަންނާނީ ރަނިލް ކަމަށެވެ.
ރާޖަޕަކްސާގެ ކެބިނެޓް މިއަދުގެ ވަގުތެއްގައި ހުވައި ކުރުމަށް ހަމަޖެހިފައި ކަމަށް ބޮޑު ވަޒީރުގެ ތަރުޖަމާން ވިދާޅުވި އެވެ.