30 އޮކްޓޯބަރ 2018 - 07:36

ސޮނީ ޓީވީން މިހާރު ދައްކާ އިންޑިއަން އައިޑޮލް ސީޒަން 10 ގެ ޖަޖުންގެ ތެރޭގައި ހިމެނޭ އައްނޫ މަލިކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމާ ގުޅިގެން އޭނާ ޝޯ އިން ވަކިކޮށްފައި ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޝޯގެ އަނެއް ދެ ޖަޖުންނާ އެކު ބައިވެރިވާނީ ގެސްޓް ޖަޖުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ ދެއްކި އެޕިސޯޑްގައި ޖަޖުން ކަމަށްވާ ވިޝާލް ދަދްލާނީ އާއި ނޭހާ ކައްކަރްއާ އެކު ޖަޖުންގެ ޕެނެލުގައި ތިބީ މަޝްހޫރު ދެ މިއުޒިޝަނުން ކަމަށްވާ ސާލިމާއި ސުލައިމާނެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ އެ ދެ މީހުންނަކީ ދެން އައްނޫގެ ބަދަލުގައި ޝޯ އިން ފެންނާނެ ޖަޖުން ކަމަށެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްގައި ޖަޖުންގެ ގޮތުގައި ތިބީ ނޭހާ އާއި ވިޝާލް އެކަންޏެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި މިހާރު ގަދަ 7 ބައިވެރިންނާ އެކު، އިންޑިއަން އައިޑޮލް ކޮންމެ ހަފުތާއަކު ކުރިއަށް ގެންދަން ނިންމާފައި ވަނީ ގެސްޓް ޖަޖުންނާ އެކުގަ އެވެ. މާނައަކީ ކޮންމެ ހޮނިހިރު ދުވަހުގެ ރެއަކު އާ ޖަޖުންތަކެއް ނީހާ އާއި ވިޝާލްއާ އެކު ތިބޭނެ އެވެ.
އެގޮތުން އަންނަ ހަފުތާގައި ގެސްޓް ޖަޖުންގެ ގޮތުގައި ޝޯގައި ބައިވެރި ވާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖާވިދު އަލީ އާއި އިންޑިއާގެ މަޝްހޫރު ޔޯގާ ގުރޫ ބާބާ ރާމްދޭވް ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
ޖާވިދު މީގެ ކުރިން ވަނީ ނޭހާއާ އެކު ޒީޓީވީގެ "ސާރޭގާމާ ލިލް ޗެމްޕްސް" ގެ ޖަޖުންކަން ވެސްކޮށްފަ އެވެ.
ސާދަ ބައިވެރިންނާ އެކު ޖުލައި މަހު ފެށި އިންޑިއަން އައިޑޮލް 10ގެ ގަދަ 7 ބައިވެރިންނަކީ ސަލްމާން އަލީ، ނިލަންޖަނާ ރޭ، އަންކުޝް ބަރަދްވާޖް، ރޭނޫ ނަގަރް، ސޯމިއާ ޗަކްރަބަތީ، ނިތިން ކުމާރު، ކުނާލް ޕަންޑިތު އަދި ވިބޯ ޕަރްޝާރް އެވެ.
އައްނޫ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސޯނާ މަހާޕަޓްރާ އާއި ޝްވޭތާ ޕަންޑިތު އެވެ. އައްނޫއަކީ އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ފެށިގެން މި ޝޯގެ ޖަޖްކަން ކުރަމުން ދިޔަ ފަންނާކެވެ.