13 އޯގަސްޓް 2016 - 18:33

މި އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް ވޯޓަ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑްރާމާ "ދެކޭ ގޮތް" ހޮވިއްޖެ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ޑްރާމާ ޑައިރެކްޓްކޮށްފައި ވަނީ މަޝްހޫރު އެކްޓަރު އަބްދުﷲ މުއާޒް (މުއާ) އެވެ.
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ގެނެސްދިން ޑްރާމާ މުބާރާތުގެ ނަތީޖާ ރޭ ވަނީ ފާޅުކޮށްފަ އެވެ.
އެ ހަފުލާ ޝަރަފުވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
މި އަހަރުގެ އެންމެ މޮޅު ޑްރާމާއަކަށް "ދެކޭ ގޮތް" ހޮވުނު އިރު، ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ މަގުބޫލް ޑްރާމާއަކަށް ހޮވުނީ ފެނަކަ ކޯޕަރޭޝަންގެ "ފަންސަހައްޓި" އެވެ. މި ޑްރާމާ ޑައިރެކްޓްކޮށްފައި ވަނީ އެކްޓަރު މުހައްމަދު މަނިކެވެ. މުބާރާތުގައި ހަ އޮފީހަކުން ބައިވެރިވެފައިވެ އެވެ.
އެންމެ މޮޅު ބަތަލާއަކަށް ހޮވިފައި ވަނީ ކަސްޓަމްސް ގެ "ކޭތަ" ޑްރާމާގެ ބަތަލާ އައިޝަތު ޔަޝްފާ އެވެ. އޭނާ ވަނީ ބެލުންތެރިންގެ އެންމެ މަގުބޫލް ބަތަލާގެ މަގާމު ވެސް ހޯދައިފަ އެވެ.
އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ ހައުސިން މިނިސްޓްރީގެ "ގެދޮރުވެރި" ޑްރާމާގެ އެކްޓަރު އަބްދުﷲ ހަލީލެވެ. މި ޑްރާމާގެ ސްކްރީންޕްލޭ ވެސް ލިއުނީ އަހުމަދު ޒަރީރެވެ. އަދި ޑައިރެކްޓް ކުރީ ރަވީ ފާރޫގެވެ.
ބެލުންތެރިންގެ އެންމެ މަގުބޫލު އެކްޓަރަކަށް ހޮވުނީ ފެނަކަގެ "ފަންސަހައްޓި" ޑްރާމާގެ އެކްޓަރު އަހުމަދު އިސްމާއީލެވެ.
އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް "ގެދޮރުވެރި" ޑްރާމާ އިން އިމްރާން މުހައްމަދު ހޮވުނު އިރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްއަކަށް ހޮވުނީ "ކޭތަ" ޑްރާމާގެ ފާތުމަތު މީނާޒެވެ.
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 10 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާއްވަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ.
މިދިޔަ އަހަރު އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ ހައުސިން މިނިސްޓްރީގެ "އެއްފަސް" އެވެ. ޒަރީރު ލިޔެ، ރަވީ ޑައިރެކްޓް ކުރި އެ ޑްރާމާ މި އަހަރު ބޭއްވި ސާކް ފިލްމް ފެސްޓިވަލްގެ ކުރު ފިލްމް ބައިގައި ވެސް ވާދަ ކުރި އެވެ.
އެންސީއޭ އިން ބުނި ގޮތުގައި މި މުބާރާތް މުޅީ ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވުމަށް މިހާރު އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.