ސައުދުﷲގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމް ކޮށްފި
ސައުދުﷲގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމް ކޮށްފި

މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި.

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)ގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ގޮތް ސައްހަ ނޫން ކަމަށާއި އެހެންވެ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފި އެވެ.

ވެރިކަންކުރާ ޕީޕީއެމް ދޫކޮށް، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށެވެ.

ގޮނޑި ގެއްލުނު މެންބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރިން ވަނީ ކަނޑައަޅައިފަ އެވެ.

އަބުޅޯގެ އިތުރުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑީގެ މައްސަލާގައި ވެސް މިއަދު ހުކުމް ކުރާނެ އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ގޮނޑީގެ މައްސަލަ ވެސް އޮތީ ހުކުމް ކުރުމާ ހިސާބުގަ އެވެ.