30 އޮކްޓޯބަރ 2018 - 07:38

މީގެ 23 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "ކްލޫލެސް" ގެ ރިމެކިންއެއް ހަދަން ނިންމައިފި އެވެ.
ޓީނޭޖް އަންހެން ކުދިންތަކެއް ވާހަކަ ކިޔައިދިން މި ރޮމޭންޓިކް ކޮމެޑީ މި ޒަމާނަށް ފައްތައިގެން އަލުން ގެނެސް ދޭން ޕެރަމައުންޓް ޕިކްޗާޒުން ހަވާލުކޮށްފައި ވަނީ ނެޓްފްލިކްސްގެ ކޮމެޑީ ސީރީޒް "ގްލޯ" ގެ ޑައިރެކްޓަރު މާކްއިޓާ ރޮބިންސަންއާ އެވެ. "ކްލޫލެސް" ގެ ސްކްރީންޕްލޭ ވެސް އަލުން ލިޔާނީ އޭނަ އެވެ.
ޕެރަމައުންޓާ ގުޅިގެން ފިލްމު ގެނެސް ދެނީ މިދިޔަ އަހަރު ރިލީޒް ކުރި "ގާލް ޓްރިޕް" ގެ ޕްރޮޑިއުސަރު ޓްރޭސީ އޮލިވާ އެވެ.
އެމީ ހެކާލިން ލިޔެ، ޑައިރެކްޓްކޮށް 1995 ގައި ސިނަމާތަކަށް ގެނައި "ކްލޫލެސް" އަކީ ހައި ސްކޫލް ދަރިވަރުންތަކެއްގެ ވާހަކަ ކިޔައި ދިން ފިލްމެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅުނީ އެލީޝިއާ ސިލްވަސްޓޯން، ސްޓޭސީ ޑޭޝް، ބްރިޓަނީ މާފީ، ބްރެކިން މެޔާ، ޑޮނަލްޑް ފެއިޒަން، ޕޯލް ރުޑް އަދި ޑޭން ހެޑެޔާ އެވެ.
ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު "ކްލޫލެސް" އަކީ ޖޭން އޮސްޓެން 1815 ގެ ވާހަކަ "އެމާ" ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެންމެ 12 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 56.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
ވަރަށް ވެސް ހިތްގައިމު ޓީން މޫވީއެއްގެ ގޮތުގައި ކަލްޓެއްގެ ދަރަޖަ ވެސް ލިބިފައިވާ "ކްލޫލެސް" ގެ ރިމެކިންގެ ކާސްޓާއި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.