29 އޮކްޓޯބަރ 2018 - 10:42

މެޑްރިޑް (އޮކްޓޫބަރު 29) - ވާދަވެރި ބާސެލޯނާ އަތުން ސްޕެނިޝް ލީގުގައި ރޭ 5-1 އިން ބަލިވި ނަމަވެސް ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމުގައި ހުންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ ބުނެފި އެވެ.
ރެއާލް މި ވަގުތު ލީގުގެ ނުވަ ވަނައިގައި އޮތީ 10 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
ރޭގެ މެޗަކީ 2015 ވަނަ އަހަރަށް ފަހު ބާސެލޯނާ އިން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ކްލަސިކޯ މެޗެވެ. އެ ފަހަރު ރެއާލް ދަނޑުގައި އެ ޓީމު މޮޅުވީ 4-0 އިންނެވެ. އެ ފަހަރު ރެއާލް ކޯޗަކަށް ހުރި ރަފައެލް ބެނިޓޭޒަށް ވަނީ އޭގެ ދެ މަސް ފަހުން ވަޒީފާ ގެއްލިފަ އެވެ.
މި ސީޒަނުގައި ރެއާލްގެ ކޯޗުކަމާ ހަވާލުވެ ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ. އަދި ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އެންމެ ފަހުން ކުޅުނު ހަ މެޗުން ހޯދުނީ އެންމެ މޮޅެކެވެ.
"މި ވަގުތު އަހަރެން މި ހުރީ ވަރަށް މާޔޫސްވެފައި. އެކަމަކު އަހަރެން ބޭނުން މި ޓީމުގައި ހުންނަން. މި ޓީމަށް ކާމިޔާބު ހޯދައިދޭން." ރޭގެ މެޗަށް ފަހު ލޮޕެޓެގީ ބުންޏެވެ.
"މިއީ ބޮޑު ބައްޔެއް. އެކަމަކު އަހަންނަށް އިތުބާރު އެބައޮތް މި ކުޅުންތެރިންނާ މެދު. މިއީ ދިގު ސީޒަނެއް ރެއާލަށް އަދިވެސް ކާމިޔާބު ހޯދޭނެ."
މި ހަފުތާ ތެރޭގައި ރެއާލުގެ ކޯޗުކަމުން ލޮޕެޓެގީ ވަކިކުރާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން އޭނާ ބޭނުމެއް ނުވި އެވެ.
"އަހަރެން ގަބޫލުކުރަން ބޭނުންވަނީ މި ޓިމުގެ ކޯޗަކަށް އަހަރެން ހުންނާނެ ކަމަށް. އެކަމަކު ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަންނޭނގެ. އެކަމަކު ކޮންމެ މީހަކަށް ވެސް އެކަށީގެންވާ ވަގުތު ބޭނުންވާނެ." ކުރިން ޕޯޓޯ އަށް ކޯޗުކޮށްދިން ލޮޕެޓެގީ ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗުގެ ކުރިން ލޮޕެޓެގީ ރެއާލާ އެކު އެއްބަސްވުން ހެދުމުން އެކަމާ ހިތްހަމަ ނުޖެހިގެން ސްޕެއިނުން ވަނީ ވަގުތުން އޭނާ މަގާމުން ވަކިކޮށްފަ އެވެ. ވޯލްޑް ކަޕްގައި ސްޕެއިނަށް ކޯޗުކޮށްދިނީ ފެނާންޑޯ ހިއެރޯ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލޮޕެޓެގީ މަގާމުން ދުރުކުރުމަށް ފަހު ރެއާލުން އެ ޓީމުގެ ކޯޗަަކަށް ގެންނަން މަޝްވަރާ ކުރަމުން އަންނަނީ ޔުވެންޓަސް އާއި ޗެލްސީ އަށް ކުރިން އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭ އެވެ.