188 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ
188 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ

ޖަކާޓާ (އޮކްޓޯބަރު 29) - ސަތޭކަ އަށްޑިހަ އަށް މީހުންނާ އެކު ދަތުރު ކުރި އިންޑޮނީޝިއާގެ ލަޔަން އެއާގެ މަތިންދާ ބޯޓެއް ވެރިރަށް ޖަކާޓާ ކައިރިއަށް ކަނޑަށް ވެއްޓިއްޖެ އެވެ.

ބޯއިން 737 ގެ ބޯޓު ރާޑަރުން ގެއްލިފައި ވަނީ ޖަކާޓާ އިން ފުރިތާ 13 މިނިޓް ފަހުންނެވެ. ބޯޓު ދަތުރު ކުރީ ޕަންގްކައި ޕިނާންގް އަށެވެ. އެއީ އެއް ގަޑިއިރުގެ ދަތުރެކެވެ. ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާން ޔޫސުފް ލަތީފް ވިދާޅުވީ ބޯޓު ހޯދުމުގެ މަސައްކަތުގައި ބޯޓުގެ ބައިތައް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު ސަލާމަތްވިކަން ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވޯޓު ވެއްޓިފައި ވަނީ 30-40 މީޓަރު ފުނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ސިވިސް އޭވިއޭޝަން ސިންދު ރަހަޔޫ ވިދާޅުވީ ބޯޓުން 178 ބޮޑު މީހުންނާއި ތިން ކުޑަ ކުދިން ދަތުރުކުރި ކަމަށެވެ. ބޯޓުގައި ދެ ޕައިލެޓުންނާއި ފަސް އެޓެންޑެންޓުން ވެސް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޓު ގެއްލުމުގެ ކުރިން ވަނީ އަނބުރާ ޖެއްސުމުގެ ހުއްދަ އަށް އެދިފައި،" ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބަޖެޓް އެއާލައިނެއް ކަމަށްވާ ލަޔަން އެއާގެ ބޯޓުތަކަށް މީގެ ކުރިން ވެސް ވަނީ އެކި ހާދިސާތައް ދިމާވެފަ އެވެ. މިދިޔަ އަހަރު ވަނީ އެ އެއާލައިނުގެ ބޯޓެއް ސުމަތުރާގެ ކުއަލަނަމޫ އެއާޕޯޓުގައި އޮތް ވިންގްސް އެއާގެ ބޯޓެއްގައި ޖެހިފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ވެސް ވަނީ ލަޔަން އެއާގެ ބޯޓެއް ރަންވޭން ނެއްޓި ބާލީ ކައިރިއަށް މޫދަށް ވެއްޓިފަ އެވެ. ބޯޓު ދެ ބުރިވި ނަމަވެސް އެ ފަހަރު އެއްވެސް މީހަކު މަރެއް ނުވެ އެވެ. ނަމަވެސް ގިނަ ބަޔަކު ޒަޚަމްވި އެވެ.

އިންޑޮނީޝިއާގެ އެކި ރަށްތަކަށް ދަތުރުކުރުން މައިގަނޑު ގޮތެއްގައި ވައިގެ ދަތުރު ފަތުރަށް ބިނާވެފައި އޮތް ނަމަވެސް އޭވިއޭޝަން ސޭފްޓީ ރެކޯޑް އެހާ ރަނގަޅެއް ނޫނެވެ. މިދިޔަ އޮގަސްޓް މަހު އިންޑޮނީޝިއާގެ އިރުމަތީގެ ހިސާބަކަށް ވެއްޓުނު ބޯޓަކުން ސަލާމަތްވެފައި ވަނީ 12 އަހަރުގެ ކުއްޖެއް އެކަންޏެވެ. އޮގަސްޓް، 2015 ގައި ވަނީ ޓްރިގާނާ އެއާގެ ބޯޓެއް ޕަޕުއާ އަށް ވެއްޓި 54 މީހުން މަރުވެފަ އެވެ. އެ ފަހަރު ބޯޓު ވެއްޓުނީ މޫސުން ގޯސްވުމުންނެވެ. ދެހާސް ސާދަ ވަނަ އަހަރު ވަނީ އެއާ އޭޝިއާގެ ބޯޓެއް ވެއްޓި 162 މީހުން މަރުވެފަ އެވެ.