ކައިވެނި ސަލާމަތްކުރަން 21 އަހަރު މަސައްކަތް ކުރިން: އަރުބާޒް
ކައިވެނި ސަލާމަތްކުރަން 21 އަހަރު މަސައްކަތް ކުރިން: އަރުބާޒް

މަލައިކާ އަރޯރާއާ ކައިވެނިކޮށްގެން އުޅުނު ވިއްސަކަށް އަހަރު އެ ކައިވެނި ދަމަހައްޓަން ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަމަކު އެކި ސަބަބުތަކާ ހުރެ އެކަން ކާމިޔާބު ނުވި ކަމަށް އަރްބާޒް ހާން ބުނެފި އެވެ.

ސަލްމާން ހާންގެ ކޮއްކޮ އަރްބާޒާއި މަލައިކާ ކައިވެނިކުރީ 1998 ގަ އެވެ. އަދި 2016 ގައި ކައިވެނި ރަސްމީކޮށް ނިމުމަކަށް އައި އިރު، ދަރިއަކު ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 15 އަހަރުގެ އަރްހާން ހާނެވެ.

ޒޫމް ޓީވީ އަށް ދިން އިންޓަވިއުއްގައި އަރްބާޒް، 51، ބުނީ ކައިވެނި ސަލާމަތްކުރަން އޭނާ އަށް ކުރެވުނު ހުރިހާ މަސައްކަތެއް ފާއިތުވި ތަނުގައި ކުރި ކަމަށެވެ. އެހެންވެ ރޫޅިދާނެ ކަމަށް އެއްވެސް ބަޔަކު ކުރިން އުންމީދު ވެސް ނުކުރާ އެ ކައިވެނި ރޫޅުމުގެ ހުރިހާ ޒިންމާއެއް އޭނާ އެކަނި ނަގަން ނުޖެހޭނެ ކަމަށް ބުންޏެވެ.

"އަހަންނަކަށް ސީދާ ނޭނގޭ މިވެނި ކަންތައްތަކާ ހެދިއޭ ކައިވެނި ރޫޅުނީއޭ ބުނާކަށް. ޔަގީނުން ވެސް ވިއްސަކަށް އަހަރުގެ ތެރޭގައި އަހަރެން ކާމިޔާބު ގުޅުމެއް ދެމެހެއްޓޭތޯ ލައްކަ މަސައްކަތް ކުރިން،" އޭނާ ބުންޏެވެ. "އެކަމަކު އެކަން ކާމިޔާބު ނުވީ."

ކުރީގެ މަޝްހޫރު މޮޑެލް މަލައިކާ، 45، އަށް އިޝާރާތްކޮށް، އަރްބާޒް ބުނީ މީހުންގެ ތެރޭގައި ދެ ވައްތަރެއްގެ ބަޔަކު އުޅޭ ކަމަށެވެ. އެއް ބަޔަކީ ހަޔާތުގައި ލިބޭ ލިބޭ މިންވަރު މަދުވެގެން މަދުވެގެން އުޅޭ މީހުންނާއި ލިބޭ މިންވަރަށް ޝުކުރުކޮށްގެން އުފަލުގައި އުޅެވޭތޯ ބަލާ މީހުންނެވެ.

"އަހަންނަކީ ކައިވެނިކޮށްގެން އުޅުނު އިރު ކޮންމެ ދުވަހަކު ވެސް އާއިލާ އުފަލުގައި ބާއްވަން މަސައްކަތް ކުރި މީހެއް. ދެން މީގައި އެކި މީހުން އެކި ގޮތް ގޮތަށް ވާހަކަ ދައްކާނެ. އެއީ މައްސަލައެއް ނޫން،" އަރްބާޒް ބުންޏެވެ. "އެކަމަކު މީހުންގެ ޒާތީ ވާހަކަތައް މާ ބޮޑަށް ދެއްކުމަކީ ވެސް ރަނގަޅު ކަމެއް ނޫން. އަހަންނަށް އެނގޭނީ އަހަރެންގެ ކައިވެނި ކާމިޔާބު ކުރަން އަހަރެންވި ގުރުބާނީ."

ބައެއް މީޑިއާތަކުން އަރްބާޒާއި މަލައިކާގެ ވަކިވުމާ ބެހޭ ގޮތުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާ އިރު، ވަރިއަކީ ސީދާ މަލައިކާ ބޭނުންވި ގޮތެވެ. ސަބަބަކީ އަރްބާޒް އެހާ ކާމިޔާބު މީހަކަށް ނުވެފައި، އޭނާގެ މާލީ ހާލަތު ވެސް މަލައިކާ އުންމީދުކުރާ ވަރަށް ނެތުމެވެ. މަލައިކާއަކީ އަބަދު ވެސް ވަރަށް ޒަމާނީ، ސްޓައިލިޝް މުއްސަނދި ލައިފް ސްޓައިލަކަށް ލޯބިކުރާ ގްލެމަރަސް އަންހެނެކެވެ.

ނަމަވެސް ކައިވެނި ރޫޅުމާ ބެހޭ ގޮތުން އޭނާ މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނެތެވެ. އަޑުތައް މިހާރު އަރާފައިވާ ގޮތުން މަލައިކާ މިހާރު އަންނަނީ 33 އަހަރުގެ އެކްޓަރު އަރްޖުން ކަޕޫރާ އަންނަ އަހަރު ކައިވެނި ކުރަން ތައްޔާރުވަމުންނެވެ.

އަނެއްކޮޅުން އަރްބާޒުގެ ހަޔާތުގައި ވެސް މިހާރު އާ ބައިވެރިޔަކު އެބަ ހުއްޓެވެ. އެއީ އިޓަލީގެ މޮޑެލްއެއް ކަމަށްވާ ޖޯޖިއާ އެޑްރިއާނީ އެވެ. އަރްބާޒް ވަނީ ޖޯޖިއާ ރައްޓެހިވެގެން އުޅޭކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ. ނަމަވެސް އަވަސް އަރުވާލައިގެން ކައިވެނި ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އަންނަ މަހުގެ 2 ގައި ރިލީޒް ކުރާ ފިލްމު "ޖެކް އެންޑް ދިލް" ގެ އެކްޓަރު ބުންޏެވެ.

އަރްބާޒް ބޮލީވުޑަށް ނުކުތީ 1996 ގެ ފިލްމު "ދަރާރު" އިންނެވެ. އެކަމަކު އޭނާއަކީ ބޭބެ ސަލްމާނާ ގާތް ކުރާ ވަރުގެ ކާމިޔާބީއެއް ވެސް ލިބުނު އެކްޓަރެއް ނޫނެވެ.