ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއް، އާސެނަލް އެއްވަރު
ޗެލްސީ އާއި ޔުނައިޓެޑަށް މޮޅެއް، އާސެނަލް އެއްވަރު

ލަންޑަން (އޮކްޓޫބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ މޮޅުވިއިރު، އާސެނަލް ކުޅުނު މެޗުން ކްރިސްޓަލް ޕެލަސްއާ 2-2 އިން އެއްވަރުވެ އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އައިސްފި އެވެ.

ރަށުންބޭރުގައި ބާންލީ އަތުން 4-0 އިން ހޯދި މޮޅާ އެކު ޗެލްސީ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ޗެލްސީ އަށް 10 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިރޭ ރަށުންބޭރުގައި ޓޮޓެންހަމް އަތުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް އަލުން ދެ ވަނަ އެރޭނެ އެވެ.

ޔުނައިޓެޑް ރޭ ކުޅުނު މެޗުން ވަނީ 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. މި މޮޅާ އެކު ޔުނައިޓެޑް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 10 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ކުރިން އާސެނަލް ވަނީ ޖެހިޖެހިގެން 11 މެޗުން މޮޅުވެފަ އެވެ. ރޭގެ މެޗުގައި ޕެލަސް އިން ފުރަތަމަ ހާފުގައި ލީޑުނެގީ ލޫކަ މިލިވޯޔެވިޗް ވައްދާލި ޕެނަލްޓީންނެވެ.

ދެ ވަނަ ހާފްގެ ފުރަތަމަ 10 މިނިޓް ތެރޭ އާސެނަލުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ގްރޭނިޓް ޝާކާގެ ހިލޭ ޖެހުމުން ނަތީޖާ ހަމަހަމަކުރިއިރު، ޕިއޭ އެމެރިކް އޮބާމަޔަން ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ލެސްޓާ އިން ނަތީޖާ ހަމަހަމަކުރީ ވެސް މިލިވޯޔެވިޗްގެ ޕެނަލްޓީ އަކުންނެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ މިއީ މޮޅުވެވޭނެ މެޗެއް ކަމަށެވެ. އެކަމަކު އެކަން ހާސިލްނުވީ އަމިއްލަ އަށް ހެދުނު ގޯސްތަކެއް ސަބަބުން ކަމަށެވެ.

ރޭގެ މެޗުގެ ދެ ވަނަ ހާފުގައި އާސެނަލްގެ ތަރި މެސުޓް އޮޒިލް ބަދަލުކުރުމުން އޭނާ ހިތްހަމަ ނުޖެހިފައިހުރި މަންޒަރުތައް ފެނުނެވެ. އެކަމާ ބެހޭގޮތުން ކުރި ސުވާލުތަކަށް އެމެރީ ބުނީ އޮޒިލް ބަދަލުކުރީ އޭނާ ވަރުބަލިވެފައި ހުރުމުން ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޭނާގެ މުހިއްމުކަން ބޮޑުވުމުން ކަމަށެވެ.

ބާންލީ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީގެ ލަނޑުތައް ޖެހީ އަލްވާރޯ މޮރާޓާ، ރޮސް ބާކްލޭ، ވިިލިއަން އަދި ރުބެން ލޮފްޓަސް-ޗީކް އެވެ. ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް ކަމަށެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑަށް ރޭގެ މެޗުގެ 27 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޕައުލް ޕޮގްބާ އެވެ. ޕެނަލްޓީ އަކުން ޕޮގްބާ ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއިރު، އެ ބޯޅަ ދެ ވަނަ ފަހަަރަށް ލިބުމުން ޕޮގްބާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ޖެހީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އެންތަނީ މާޝިއަލް އެވެ.

މި މެޗުގައި އެވަޓަން އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން ގިލްފީ ސިގަޑްސަން އެވެ. މި ޕެނަލްޓީ އަކީ ޔުނައިޓެޑްގެ ކްރިސް ސްމޯލިން އެވަޓަންގެ ރިޗާލިސަން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.