29 އޮކްޓޯބަރ 2018 - 08:50

ލެސްޓާ (އޮކްޓޫބަރު 29) - ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ 1-1 އިން އެއްވަރުވި މެޗަށް ފަހު ލެސްޓާގެ ވެރިޔާ ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާ ދަތުރުކުރި ހެލިކޮޕްޓަރު ސްޓޭޑިއަމް ކައިރިއަށް ވެއްޓުނު ހާދިސާގައި އޭނާ މަރުވެފައިވާކަން އެ ކްލަބުން ހާމަކޮށްފި އެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ އަށް ފަހު ލެސްޓާގެ ވެރިޔާ ވިޗާއިއާ ބެހޭ މައުލޫމާތެއް އޭނާގެ އާއިލާ އިން ވެސް އަދި ކްލަބުން ވެސް ހާމަކޮށްފައި މި ވަނީ ހާދިސާ ހިނގިތާ އެތައް އިރެއް ފަހުންނެވެ. ވިޗާއިގެ އިތުރުން އެ ބޯޓުން ދަތުުރުކުރި އިތުރު ހަތަރު މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެއީ ވިޗާއިގެ ދެ ސްޓާފުންގެ އިތުރުން ޕައިލެޓާއި އިތުރު ފަސިންޖަރެކެވެ.
ހެލިކޮޕްޓަރު ވެއްޓުނީ ސްޓޭޑިއަމް ކައިރީގައި އޮތް ކާރު ޕާކިން ޒޯނަކުން ނައްޓާލި ތަނުންނެވެ. މަންޒަރު ދުށް މީހަކު ބުނީ ހެލިކޮޕްޓަރުގެ ހަރަކާތް ހުއްޓި އެންމެ ފަހުން ކޮންޓްރޯލެއް ނެތި ތިރިވީ ކަމަށާއި އެ ވަގުތު އެއްޗެއް ގޮވި އަޑާ އެކު ބޮޑު އަލިފާންގަނޑެއް ފެނުނު ކަމަށެވެ.
ވިޗާއިގެ މަރުގެ ހަބަރާ ގުޅިގެން ލެސްޓާގެ ކުޅުންތެރިންނާއި، މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އޭނާ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ. އަދި ލެސްޓާގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ދަނޑު ބޭރުގައި ވިޗާއިގެ ހަނދާނުގައި މާބޮނޑިތަކެއް ބަހައްޓައިފަ އެވެ.
ލެސްޓާގެ ވެރިޔާގެ ހަނދާނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ރޭގެ މެޗުތަކުގައި ކުޅުންތެރިން ކުޅުނީ ކަޅު ބޭންޑް އަޅައިގެންނެވެ.
ތައިލެންޑުގެ ކިންގް ޕަވާ ކޮމްޕެނީގެ ވެރިޔާ ވިޗާއީ ލެސްޓާ ސިޓީ ގަތީ 2010 ވަނަ އަހަރު 39 މިލިއަން ޕައުންޑަށެވެ. އެ ޓީމުން 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ ކާމިޔާބީއާ އެކު ލެސްޓާ އަށް އެތައް ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބުނެވެ.