28 އޮކްޓޯބަރ 2018 - 23:30

ކޮލަމްބޯ (އޮކްޓޯބަރު 28) - މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ކެބިނެޓަށް ނިސްބަތްވާ ޕެޓްރޯލިއަމް މިނިސްޓަރު އަރުޖުނާ ރަނަތުންގެ ބޮޑީ ގާޑުން ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ ތިން މީހުން ޒަޚަމްވެއްޖެ އެވެ.

މިއީ ލަންކާގައި އެންމެ ފަހުން ސިޔާސީ ކޯޅުންގަނޑު ފެށުނު ފަހުން މަރުވި ފުރަތަމަ މީހާ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަޕޯޓަރުން ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަންގެ އޮފީސް ހިސޯރު ކުރުމުން ބޮޑީ ގާޑުން ވަނީ އަސްލު ވަޒަން ބޭނުންކޮށްފަ އެވެ. މަރުވެފައި ވަނީ 34 އަހަރުގެ ޒުވާން ފިރިހެނެކެވެ.
ރަނިލް ގެންދަވަނީ މަގާމު ދޫކޮށްލައި ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. ރަނިލް އަށް ސަޕޯޓް ކުރާ ހާހެއްހާ މީހުން މިއަދު ވަނީ ބޮޑު ވަޒީރުގެ ގެކޮޅުގެ ބޭރަށް ޖަމާވެފަ އެވެ.
މިއީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަޖެއްސި ފަހުން ހިންގި އެންމެ ބޮޑު ހަމަނުޖެހުމެވެ. ބޮޑު ވަޒީރު ކަމުގެ ހުވާ ރާޖަޕަކްސާ ކުރެއްވުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ސަރުކާރުގެ ޓީވީ ސްޓޭޝަންތަކުގެ ކޮންޓްރޯލް ނަގައިފަ އެވެ.
ރަނިލް ވިދާޅުވީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ. ލަންކާގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެ ހައްލެއް ހޯދަން އުނދަގޫވެފައި ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވީ ބޮޑު ވަޒީރު ކަމަށް އޭނާ ބަލައިގަންނަނީ ރަނިލް ކަމަށެވެ.