02 ނޮވެމްބަރ 2018 - 07:44

ބުރަ މަސައްކަތުގައި އުޅޭ ގިނަ މީހުންނަކީ ހަށިގަނޑަށް އެންމެ ރައްކާތެރި ގޮތުގައި މަސައްކަތްކުރުމުގެ މައުލޫމާތާއި ތަމްރީން ލިބިފައިވާ މީހުންނެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން، ބޮޑެތި އަނިޔާތަކާއި ފޫނުބެއްދޭ ވަރުގެ ގެއްލުން އެފަދަ މީހުންގެ ހަށިގަނޑަށް ދިމާވަނީ މަދެއްކޮށް ނޫނެވެ. މިފަދަ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި އުފެއްދި އާލާތަކީ ކައިނެޓިކް ރިފްލެކްސެވެ.
އުނަގަނޑުގައި އަޅާ ބެލްޓުގައި ނުވަތަ އަތުގެ ކުޑަހުޅުގައި އަޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އާލާތަކީ ހަށިގަނޑަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ލެނބި، ގުދުވެ އުޅޭ ނަމަ އެކަމަށް ސަމާލުވުމަށް އިޝާރާތްކުރާ ގޮތަށް އުފައްދާފައިވާ އާލާތެކެވެ. މި އާލާތުން ބޮޑަށް ބަލައިދޭނީ ހަށިގަނޑަށް ބޮޑެތި އަނިޔާވާ ގޮތަށް މަސައްކަތްކުރާ ނަމަ އެކަމަށް އިންޒާރުދިނުމަށެވެ. އިންޒާރުގެ ސިގްނަލް ދޭ ހަރަކާތްތަކުގެ ތެރޭގައި ބަރު އެއްޗެހި އުފުލާއިރު ކަކޫ ނުލަންބާ ގުދުވުން ހިމެނެއެވެ. ނުބައި ފިޔަވަޅެއް އެޅިއްޖެނަމަ ކައިނެޓިކް ރިފްލެކްސްއިން ތުރުތުރެއް އަޅުވާލުމާއެކު މީގެ ކުޑަކުޑަ ސްކްރީނަށް އިންޒާރުގެ ސިގްނަލެއް ފޮނުވާލަދެއެވެ.
މަސައްކަތު ދަންފަޅި ނިމުމުން މަސައްކަތްތެރިން ގެންގުޅުނު ކައިނެޓިކް ރިފްލެކްސްއަށް ޖަމާކުރެވުނު މައުލޫމާތު، ވައިފައި މެދުވެރިކޮށް ފޮނުވާލަދެނީ ވަކި ޑޭޝްބޯޑަކަށެވެ. އެތަނަށް އެއްކުރާ މައުލޫމާތަކީ ސުޕަވައިޒަރުންނަށް ބަލައި، ދިރާސާކުރެވޭނެ މައުލޫމާތެކެވެ. މަސައްކަތްތެރިންގެ ހޭލުންތެރިކަން ހުރި މިންވަރަކާއި މަސައްކަތު މާހައުލުގައި އަމިއްލަ ހަށިގަނޑަށް ރައްކާތެރިވި މުވައްޒަފުން ވަކިކުރެވޭނެއެވެ. އަދި ރައްކާތެރިކަމަށް ވިސްނާނުލެވުނީ ކޮން ބަޔަކަށްކަމާއި، ރައްކާތެރިކަމުގައި ސަމާލުކަން ކުޑަކުރެވެނީ ކޮން މަސައްކަތެއްގެ ތެރެއިންތޯ ދެނެގަނެ، އެކަންކަން ރަގަޅުކުރުމަށް ފިޔަވަޅު އެޅޭނެ ފުރުސަތު ސުޕަވައިޒަރުންނާއި މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ މީހުންނަށް ފަހިވާނެއެވެ.
ކައިނެޓިކް ރިފްލެކްސް ފަރުމާކޮށްފައިވަނީ ފެން ނުވަންނަ ގޮތަށެވެ. އަދި މަތިން ވެއްޓުނަސް ހަލާކުނުވާނެހާ ވަރުގަދަކޮށެވެ. ކޮންމެ ޗާޖަކުން 15 މިނިޓް ވަންދެން މަސައްކަތްކުރާނެކަމަށްވެއެވެ. ނުރައްކާތެރި ފިޔަވަޅުތައް ރިކޯޑްކުރުމުގެ އިތުރުން މި އާލާތަކީ މަސައްކަތްތެރިންގެ ކިބައިގާ ހޭލުންތެރިކަން އިތުރުކޮށްދޭ އާލާތެއްވެސްމެއެވެ. މަސައްކަތްތެރިންގެ ތެރެއިން މި އާލާތުގެ އިންޒާރު ކޮންމެ ދުވަހަކު އެންމެ މަދުން ލިބޭ މީހެއް ބެލުމާއި، އެފަދަ މީހުންނަށް އިތުރު އިނާޔަތެއް ދިނުން ފަދަ ކަންކަން ކުރުމަކީ މަސައްކަތްތެރިންގެ މެދުގައި ކަމުގެ މުހިއްމުކަން އިހުސާސްކުރެވޭނެކަމެކެވެ.
ރިފްލެކްސް އާލާތް އުފައްދާ، ބާޒާރަށް ނެރުނީ މިދިޔަ އަހަރެވެ. މި ބޭނުންކުރި މީހުންގެ ތެރޭގައި ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި ހަށިގަނޑަށް ގެއްލުންދެނިވި ގޮތަކަށް އަމަލުކުރާ މިންވަރު 84 ޕަސެންޓަށް މަދުވިއެވެ. މަސައްކަތު މާހައުލުގައި ލިބޭ އަނިޔާގެ 40 ޕަސެންޓް ކުޑަކުރުވިއެވެ. އަދި މަސައްކަތްތެރިންގެ ބުރަކަށީގައި ރިއްސާ މިންވަރު، 56 ޕަސެންޓް ދަށަށް ދިޔަކަން ވެސް 12 މަސްދުވަސްތެރޭ ފާހަގަކުރެވުނެވެ. ކައިނެޓިކް ކުންފުނިން ރާވާފައިވަނީ މީގެ އާލާތްތައް ކުންފުނިތަކަށް އަހަރީ ފީ ދައްކާ ގޮތަށް ވިއްކުމަށެވެ. އެ ކުންފުންޏަކަށް ބޭނުންވާ އާލާތުގެ އަދަދަށް ބަލައިގެން 200އެމެރިކާ ޑޮލަރާއި 400އެމެރިކާ ޑޮލަރާ ދެމެދުގެ އަހަރީ ފީއެއް ދައްކަންޖެހިދާނެކަމަށް ބެލެވެއެވެ.