28 އޮކްޓޯބަރ 2018 - 18:29

ދިރާގު ރޯޑު ރޭސް ފަށަން ހަ ދުވަހަށްވީ އެވެ. ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ވަނީ އެކަމަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ލޯންޗުކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން ލޯންޗުކުރި އެ އެޕުން، ދުވުމާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބޭނެ އެވެ.
މި އެޕްގެ އެންމެ ފާހަގަކޮށްލެވޭ ފީޗާއަކީ ޓައިމް ޓްރެކިންނެވެ. އެހެންވެ ދުވަމުންދާއިރު ވެސް އެޕް މެދުވެރިކޮށް، އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވޭނެ އެވެ. އަދި އޭނާގެ އާއިލާ މެމްބަރުންނާއި ގާތް މީހުންނަށް ވެސް އޭނާގެ ހާލަތު، އެޕުން ބަލައިލެވޭނެ އެވެ. ދުވުންތެރިންގެ ބިބުގައި ހަރުކުރާ އިލެކްޓްރޯނިކް ޗިޕެއް މެދުވެރިކޮށް ޓައިމިން ބަލާއިރު މިއީ ރާއްޖޭގައި ބާއްވާ ރޭހެއްގައި ލައިވް ޓްރެކިން ފީޗާ ހިމެނޭ ފުރަތަމަ ފަހަރެވެ.
ރޯޑް ރޭސް އެޕްލިކޭޝަން މެދުވެރިކޮށް، ރޭސް އޮންނަ ދުވަހު ސެލްފީއެއް ނަގައި ސޯޝަލް މީޑިއާގައި ޝެއާކުރުމުގެ ފުރުސަތު ލިބޭއިރު، ދިރާގުގެ ފޭސްބުކާއި އިންސްޓްގްރަމް އަދި ޓްވިޓާގެ ލައިވް ފީޑް ވެސް އެޕްލިކޭޝަނުގައި ހިމެނޭނެ އެވެ.
ކޮންމެ ދުވުންތެރިއަކު ވެސް ރޭސް ނިންމުމާއެކު، އެތަނުގައި ހަރުކޮށްފައިވާ އޮޓޮމެޓިކް ކެމެރާ ސިސްޓަމުން ފޮޮޓޯ ނެގި އެ ފޮޓޯ ވަގުތުން އެޕުން ފެންނަން ހުންނާނެ އެވެ.
ރޭހުގެެ ކައުންޓްޑައުނާއި ރޭހުގެ ރޫޓް މެޕާއި ތައްޔާރުވާންވީ ގޮތުގެ ޓިޕްސް އަދި މޫސުމާ ބެހޭ މައުލޫމާތު ލިބެން ހުންނާނެ އެވެ.
މި އެޕްލިކޭޝަނުގެ އެންޑްރޮއިޑް ވާޝަން ގޫގަލް ޕްލޭސްޓޯރުން އައި އައިއޯއެސް ވާޝަން އެޕްސްޓޯރުން ހިލޭ ޑައުންލޯޑްކުރެވޭނެ އެވެ.
ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަގުސަދުގައި މި ދުވުން ބާއްވާ މިއީ 12 ވަނަ އަހަރެވެ.
އަންނަ ހުކުުރު ދުވަހު ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި 4000 މީހުން ވަނީ ބައިވެރިވެފަ އެވެ.