އިބޫ ހުވާކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށް މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި
އިބޫ ހުވާކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށް މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.

ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިބޫ ވެރިކަމުގެ ހުވާކުރައްވާނެ ދުވަހެއް ކަނޑައަޅަން ރިޔާސަތުން ހުށަހެޅި މައްސަލަ ދިރާސާ ކުރަން އެންމެ ފުރަތަމަ ކަނޑައެޅީ ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއެކެވެ. އެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމެވީ ހުވާކުރާ ޖަލްސާ އަންނަ މަހުގެ 17 ގައި ބޭއްވުމަށެވެ.

ކޮމިޓީން ނިންމި ގޮތަށް ފާސް ކުރަން ފެނޭތޯ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޓީގައި ތިއްބެވީ ކޮމިޓީގެ މުގައްރިރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިނާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

އިދިކޮޅު މެމްބަރުންގެ ތާއީދާއެކު އެގޮތަށް ކަނޑައެޅި އިރު، އަންނަ މަހުގެ 11 ގައި އިބޫ ވެރިކަމުގެ ހުވާކުރައްވަން ޖެހޭނެ ކަމަށް އެ މެމްބަރުން ގަބޫލުކުރެއްވި އެވެ. ޕީޕީއެމް މެމްބަރުން ގަބޫލުކުރެއްވީ އިބޫ ހުވާކުރައްވަން ޖެހިވަޑައިގަންނަވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ރިޔާސީ ދައުރު ފުރިހަމަވާނީ އެ ދުވަހު ކަމަށް ވެސް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

އިދިކޮޅު ބައެއް މެމްބަރުން "މިހާރު" އަށް ވިދާޅުވީ އިދިކޮޅު މެމްބަރުން ގޮތް ދޫކުރެއްވީ ނޮވެމްބަރު 11 ވަނަ ދުވަހު އިބޫ ހުވާކުރައްވަން ބޭނުންފުޅު ނުވުމުން ކަމަށެވެ. އިބޫ ބޭނުންފުޅު ވަނީ ގައުމީ މަސްލަހަތު ކުރިއަށް ނެރުއްވައިގެން މަސައްކަތް ކުރެއްވުމަށް ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. އެހެންވެ، ނޮވެމްބަރު 17 ގައި ހުވާކުރައްވަން އިބޫ ބޭނުންފުޅުވީ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.

އިދިކޮޅު ބައެއް މެމްބަރުން މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ވިދާޅުވީ ގާނޫނުއަސާސީގައި ދައުރެއް ފެށޭ ތާރީހަކީ ކޮބައިކަމާއި ރިޔާސީ އިންތިޚާބުގެ ކަންކަން ވަކި ދުވަހެއްގެ ކުރިން ނިންމަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކަންކަން ނިމުނީ ތިން ބުރެއްގެ މަތިން އިންތިޚާބު ބާއްވައިގެން ކަމަށް ވާތީ ހުވާކުރުން ފަސްކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.

މެމްބަރުން އެ އިޝާރަތްކުރެއްވި 2013 ގެ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އަނެއްކާވެސް އާ ބުރެއް ބޭއްވި އެވެ. އަދި އެ ބުރުން ނަތީޖާއެއް ނުނިކުތުމުން، ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ ނޮވެމްބަރު 16 ގަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަސް އަހަރުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ހަމަވިޔަސް، ޚާއްސަ ހާލަތެއް ދިމާވުމުން އެފަހަރު އެންމެ މަތީ ކޯޓުން ނިންމީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން، އިންތިހާބު ބާއްވައި، އާ ރައީސަކު ހުވާކުރަންދެން ދެމިގެންދާނެ ކަމަށެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2013 ގަ އެވެ.

ރައީސް ޔާމީން ވެރިކަމުގެ އިގްރާރުގައި ސޮއިކުރެއްވީ ނޮވެމްބަރު 17، 2013 ވަނަ ދުވަހުން ފެށިގެން، ފަސް އަހަރުގެ މުއްދަތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ އިގްރާރުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި މަޖިލީހުގެ އޭރުގެ ރައީސް ޝާހިދު ވެސް ސޮއިކުރެއްވި އެވެ.

އިބޫ މަޖިލީހުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އިބޫ ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަން ބޭނުންފުޅު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނު ހުވާ ކުރާނެ ދުވަހަކާ މެދު ހިޔާލު ތަފާތުވެފައިވާއިރު، މިފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.