ގާޒީ ނިހާން، ގޮޅިން ނެރެ އަނިޔާކުރި ކަމަށް ބުނެ އެޗްއާރުސީއެމަށް!
ގާޒީ ނިހާން، ގޮޅިން ނެރެ އަނިޔާކުރި ކަމަށް ބުނެ އެޗްއާރުސީއެމަށް!

ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ، އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އޮންނެވި ގޮޅިން އޭނާ ގަދަކަމުން ނެރެ އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ނިހާނަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައެއްގައި ކުރި ޓެރަރިޒަމްގެ ކުށް ސާބިތުވުމުންނެވެ.

ނިހާންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ނިހާނާ އެކު ޖަލަށް ހުކުމް ކުރި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހްސިންގެ އަނބިކަނބަލުން ޝާދިޔާ އާދަމް މިއަދު ވިދާޅުވީ ގަދަކަމުން ގޮޅިން ނެރެ، ގިނައިރުތަކެއް ވަންދެން ނިހާން ގޮޅިން ބޭރުގައި ބެހެއްޓި ކަމަށް މައުލޫމާތު ލިބުމާއެކު މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށެވެ. އޭރު، އެ ކޮމިޝަނުން އަމިއްލަ އަށް އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެތަނުން ބުނި ކަމަށް ޝާދިޔާ ވިދާޅުވި އެވެ.

"ގަދަކަމުން ގޮޅިން ނެރުމާއި ގިނައިރުއިރުތަކެއްގައި ގޮޅިން ބޭރުގައި ބެހެއްޓުމަކީ ޓޯޗާގެ އަމަލަކަށްވާތީ މައްސަލަ އަޅުގަނޑުމެން [އެޗްއާރުސީއެމަށް] ހުށަހެޅީ،" ޝާދިޔާ ވިދާޅުވި އެވެ.

ނިހާންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އައީ ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވާން އުޅުމުގެ ތުހުމަތުގަ އެވެ. އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލަން އެދި ވަރަށް ފަހުން ހައި ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް އެކަން ކޮށްދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅީ، ޓެރެރިޒަމްގެ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ ބޭފުޅަކަށް ވާތީ ކަމަށް ބުނެ އެވެ.

ނިހާނަށް ޖަލުގައި އަނިޔާކުރި ކަމަށް ތުހުމަތުކުރިއިރު، ޖަލުގައި ތިބޭ ގައިދީންގެ ބޭސްފަރުވާ އަށް އިހުމާލުވަމުންދާ ކަމުގެ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.