28 އޮކްޓޯބަރ 2018 - 15:16

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭ ފީ ބޮޑު ކުރަން މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްނުކޮށް، މަޖިލީހުން މިއަދު ބޭރު ކޮށްލައިފި އެވެ.
ފަރެސް މާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ބިލް ފާސް ނުކޮށް ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސް ކުރަން 15 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު ތިއްބެވި އެވެ.
މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ހުށަހަޅާފައިވަނީ މެމްބަރު ކަމަށް ކުރިމަތިލުމަށް މިހާރު ދައްކަންޖެހޭ 5،000ރ. ގެ ބަދަލުގައި 15،000ރ. ދައްކަންޖެހޭ ގޮތަށް ބަދަލު ކުރުމަށެވެ.
ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ކުރީ އެއްވެސް ބަދަލެއް ނެގެނެސް، ބިލް ހުށަހެޅި ގޮތަށް ފާސް ކުރުމަށެވެ. އެ ބިލް ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އިންތިޚާބުތަކާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށާއި އިންތިޚާބުތަކަކީ މިނިވަން އަދި އިތުބާރު ކުރެވޭ އިންތިޚާބުތަކަކަށް ހެދުމަށް ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ޖިނާއީ އިޖްރާއާތުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް ވެސް ފާސްނުކޮށް ވަނީ ބޭރު ކޮށްލައިފަ އެވެ. މި ބިލް ވެސް މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 66 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގެ ތަފްސީލީ އިޖްރާއާތްތައް ބަޔާންކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން މީގެ ކުރިން ވެސް މަސައްކަތް ކުރި އެވެ. އެކަމަކު އޭރު ގިނަ އަދަދެއްގެ މެމްބަރުން އެ ބިލާ މެދު ކަންބޮޑުވުން ފާޅު ކުރުމާ އެކު އެ ބިލް އޭރު ސަރުކާރުން އަނބުރާ ގެންދިޔަ އެވެ.
މިއަދުގެ ޖަލްސާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ ހުށަހެޅުއްވި އިސްލާހު ވެސް މަޖިލީހުން ފާސް ނުކޮށް ވަނީ ބޭރުކޮށްލައިފަ އެވެ. އެ ބިލް ބޭރުކޮށްލީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.