28 އޮކްޓޯބަރ 2018 - 13:41

ޕީޕީއެމް އޮފީސް ކައިރިން ބޮޑުތަކުރުފާނު މަގުގައި އިއްޔެ މެންދުރު ފަހު ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލީ އެތައް ބައެއްގެ ލޯ ކުރިމަތީގަ އެވެ. އެ ސަރަހައްދުގައި ހުރި އެތައް، ސީސީޓީވީ ކެމެރާތަކެއްގައި އެ މަންޒަރުތައް ރެކޯޑް ކުރެވިފައި ހުރި އިރު، އެ ހަމަލާ ދިން ކަމަށް ބެލެވޭ މީހުންގެ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވެސް އާންމުވެފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން ދެކުނުން ހުޅަގަށް ދުއްވާފައި އަންނަ ޖީއެން ސައިކަލެއްގައި ދެ މީހުން ތިބެ އެވެ. އޭގެ ތެރެއިން ފަހަތުގައި އިން މީހާގެ އަތުގައި ވަޅިއެއް ޒާތުގެ އެއްޗެއް އޮތެވެ. އަދި އެ ސައިކަލާ އެކު އެހެން ސައިކަލެއްގައި ވެސް ދެ މީހަކު ދަތުރު ކުރާ ކަމަށް ފޮޓޯތަކުން ފެނެ އެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ދެ ސައިކަލުގައި އައި ބަޔަކު، ވަޅިން ހަމަލާ ދިނީ ކަޅު ކުލައިގެ ސައިކަލެއްގައި ދުއްވާފައި ދިޔަ ޒުވާނަކަށެވެ. އަދި އޭނާގެ ގަޔަށް ވަޅި ހެރުމަށް ފަހު، އެމީހުން ވަނީ ދެ ސައިކަލުގައި ގޮސް ފިލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.
އެއީ ޗައިނާ އެމްބަސީ ވެސް ހުންނަ ސަރަހައްދަށް ވުމުން އެ އެމްބަސީގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ފުލުހުން ވެސް އެ ސަރަހައްދުގައި ތިބެ އެވެ.
މި ހާދިސާގައި ޒަހަމްވީ 28 އަހަރުގެ ފިރިހެނެކެވެ. އޭޑީކޭ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ނުދެ އެވެ.
މާރާމާރީތައް ގިނަވެ އާއްމުން މަގުމައްޗަށް ނިކުންނަން ބިރުގަންނަ ހިސާބަށް ދިއުމުން ކޮންމެ ފަހަރަކު ވެސް ފުލުހުން ނުކުމެ ބަޔަކު ހައްޔަރުކުރެ އެވެ. ނަމަވެސް ހައްޔަރުކުރުން ފިޔަވައި ދެން އަޅާ ފިޔަވަޅެއް ގިނަ ފަހަރަކަށް ނުފެނެ އެވެ.
އާދައިގެ ކުދިކުދި މައްސަލަތަކުގައި ފުލުސް އޮފީހަށް ނުވަތަ ކޯޓަށް ހާޒިރުކުރުމަށް މީހުން ހޯދަން ވެސް ފުލުހުން ފޮޓޯ އާއްމުކުރެ އެވެ. ނަމަވެސް އިއްޔެގެ މާރާމާރީ ހިންގި ކަމަށް ބެލެވޭ މީހުންގެ ސާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ އެތައް ބަޔަކު ފާޑު ކިޔަމުންދާ އިރު ވެސް، އެ މާރާމާރީ ހިންގި މީހުން ހޯދަން ފުލުހުން މިހާތަނަށް މީހެއްގެ ފޮޓޯއެއް އާންމެއް ނުކުރެ އެވެ.
އިއްޔެގެ މާރާމާރީގެ ހަބަރާއެކު ކަންބޮޑުވުން ފާޅުކުރި މީހަކު ކުރި ޓްވީޓެއްގައި ބުނީ ސެކިއުރިޓީ ބަލަހައްޓަން ކޮންމެ އަކަ މީޓަރަކަށް ފުލުހުން ތިބޭ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ފުލުހުން ގޯސްކޮށްފައި ވާހަކަދައްކަނީ ސަބަބެއް އޮވެގެން ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް އެކަކު ބުންޏެވެ.
މި މަހުގެ 11 ވަނަ ދުވަހު ވެސް ވަނީ މާރާމާރީއެއް ހިންގައި 14 އަހަރުގެ ކުއްޖަކު މަރާލައިފަ އެވެ. އޭގެ ފަހުން ވެސް މާލޭގައި އިތުރު މާރާމާރީތަކެއް ހިންގައި ބަޔަކު ޒަހަމްކޮށްލާފައިވެ އެވެ.