28 އޮކްޓޯބަރ 2018 - 12:36

މަނާމާ (އޮކްޓޯބަރު 28) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ހިންގާނީ ސައުދީގައި ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ނޫސްވެރިޔާގެ މަރާ ގުޅިގެން ސައުދީން ހައްޔަރު ކުރި 18 މީހުންގެ ޝަރީއަތް ހިންގުމަށް ތުރުކީއާ ހަވާލު ކުރުމަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލެއްވުމާ ގުޅިގެންނެވެ.
"އެއީ ސައުދީގެ ރައްޔިތުން. އެ މީހުން ހައްޔަރު ކުރީ ސައުދީން. ތަހުގީގު ކުރިއަށް ދަނީ ސައުދީގައި،" ބަހުރޭނުގައި އޮތް ޑިފެންސް ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަލް ޖުބައިރު ވިދާޅުވި އެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޑިފެންސް މިނިސްޓަރު ޖޭމްސް މަޓިސް ވިދާޅުވީ ޑިޕްލޮމެޓިކް އިމާރާތެއްގެ ތެރޭގައި ނޫސްވެރިޔާ މަރާލުމަކީ އެންމެން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ޖުބައިރު ވިދާޅުވީ ނޫސްވެރިޔާގެ މަރުގެ ތަހުގީގު ނިމުމުން ހަގީގަތް ހާމަވާނެ ކަމަށާއި އެކަމުގައި ޒިންމާވާ މީހުންނަށް އަދަބު ދޭނެ ކަމަށެވެ. އަދި ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ މެކޭނިޒަމެއް ގާއިމް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޚާޝޮގްޖީ މަރާލީ މި މަހު 2 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގަ އެވެ.