29 އޮކްޓޯބަރ 2018 - 07:09

އެޕަލް އަދި ސެމްސަންގުން ނެރޭ އާ ފޯނުތަކުގެ ވިޔަފާރި ރަނގަޅުކުރުމަށްޓަކައި، ދުވަސްވީ ފޯނުތަކު ސްޕީޑް ގަސްދުގައި ދަށްކުރާ ކަމަށް ކުރެވުނު ތުހުމަތު އެއީ ހަގީގަތުގައި ވެސް އެ މީހުން ކުރާ ކަމެއް ކަމަށް ވަނީ ސާބިތުވެފަ އެވެ. "އިޓާލިއަން ކޮމްޕެޓިޝަން އޮތޯރިޓީ"އިން މި މައްސަލަ ބަލައި، އެޕަލް 11.4 މިލިއަން އަދި ސެމްސަންގް 5.7 މިލިއަން ޑޮަލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ދުވަސްވީ ފޯނުތަކުގެ ސްޕީޑް މާ ބޮޑަށް ވެސް ދަށްވެ ބޭނުންކުރާ މީހުންނަށް ކުޅަދާނަނުވާ ވަރު ވުމުން އެ ދުވަސްވަރު ގިނަ ޝަކުވާތަކެއް ކުރެވުނެވެ. އެޕަލް އިން އެެކަން ނުކުރާ ކަމަށް ފުތަމަ ބުނި ނަމަވެސް ލަސްތަކެއް ނުވެ އެއްބަސްވި އެވެ. ސެމްސަންގުން ވެސް ހެދީ ދޮގެވެ. ނަމަވެސް، މި ދެ ކުންފުންޏަށް ވެސް ބޯދަމައިގަނެވޭ ގޮތެއް ނުވި އެވެ.
ސްމާޓްފޯން މާކެޓްގައި އެންމެ އަޑުގަދަ ދެ ކުންފުންޏަށް ލިބުނު ލަނޑު އެއީ މޮޅެއް ކަމަށް ބަލައި ވާވޭ ވަނީ އެކަމުން ފައިދާ ނަގަން މަސައްކަތްފަށާފަ އެވެ. ޓްވީޓާ މެދުވެރިކޮށް ވާވޭއިން ފޮނުވާލި ޓްވިޓެއްގައި ބުނެފައި ވަނީ، ދުވަސްވީ ފޯނުތަކުގެ ދުވެލި ދުވަހަކު ވެސް ދަށްނުކުރާނެ ކަމަށެވެ.
ސްމާޓްފޯން މާކެޓަށް ވާވޭ ފޮނުވާލި މެސެޖަކީ ބައެއް މީހުން ދެކޭ ގޮތުގައި ކުރި ބޮޑު މަލާމާތެވެ. މެސެޖުގައި ހިމަނާފައި ހުރި "ޓެގް"ތަކަށް ބަލާއިރު އެ މެސެޖަކީ މަލާމާތެއްކަން ކަށަވަރުވާ ކަމަށް ވެސް ބުނެ އެވެ. ޓްވީޓާ މެސެޖްގައި ހުރި ޓެގްތަކަށް ބަލާއިރު، "ބޯންފާސްޓްސްޓޭފާސްޓް" އަދި "ނެވާސްލޯޑައުން" ހިމެނެ އެވެ.
ވާވޭ އަކީ ދޭތެރެ ދޭތެރެއިން މި ކަހަލަ މަލާމާތްކުރާ ކުންފުންޏެކެވެ. އެޕަލް އިން "އައިފޯން އެކްސްއެސް" އާންމު ވިޔަފާރި އަށް ނެރުނު ދުވަހު، އެޕަލް ސްޓޯރު ކުރިމަތީގައި ތިބި ބަޔަކަށް ޕަވާ ބޭންކް ވެސް ވަނީ މުޅިން ހިލޭ ބަހައިފަ އެވެ.
ޕަވާ ބޭންކްތައް ބެހުމުގެ ބޭނުމަކީ، ވާވޭ ފޯނުތަކާ އަޅާކިޔާއިރު އައިފޯނުގެ ބެޓެރީ މާ އަވަހަށް ޗާޖުކުރަން ޖެހޭ ކަމަށް ދޭހަކުރުވުމެވެ. ވާވޭ މޭޓް 20 ޕްރޮ އާންމުކުރަން ބޭއްވި ހަފުލާގައި ވެސް ވަނީ އެޕަލް އަށް މަލާމާތެއް ކޮށްފަ އެވެ. ވާވޭގެ "ރިވާސް ވަޔަލެސް ޓެކްލޮޖީ" އިންޖިނިއާކޮށްފައި ވަނީ އެޕަލްގެ އާ ފޯނުތައް ވެސް ޗާޖުކުރެވޭ ގޮތަށް ކަމަށް ވަނީ ބުނެފަ އެވެ.