"ވޮލީބޯޅަ އިންތިހާބު ބާތިލް": ދެން ވާނީ ކިހިނެއް؟
"ވޮލީބޯޅަ އިންތިހާބު ބާތިލް": ދެން ވާނީ ކިހިނެއް؟

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ވޮލީބޯޅަ އަކީ މިހާތަނަށް ވެސް އެންމެ މައްސަލަ މަދު އެއް ކުޅިވަރެވެ. އެކުވެރި އާއިލާއެއްގެ ގޮތުގައި ވޮލީބޯޅަ ފެނިގެންގޮސް، އެންމެ ފުރަތަމަ ބޭއްވި ދެ އިންތިހާބު ވެސް ނިމިގެން ދިޔައީ މާބޮޑު މައްސަލަތަކެއް ދިމާނުވެ އަމާން އޮމާންކޮށެވެ. އެކަމަކު މި އަހަރުގެ މާޗު މަހު ބޭއްވި އިންތިހާބާ އެކު އެ އެސޯސިއޭޝަނަށް މިވަނީ މައްސަލަތައް ކުރިމަތިވެފަ އެވެ. އިންތިހާބުގައި އޮޅުވާލުންތައް އުޅޭ ކަމަށް ކަމަށް ބުނެ މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް އެންމެ ފަހުން ސްޕޯޓްސް ކޮމިޝަނަރު މިވަނީ އިންތިހާބު ބާތިލްކޮށްފަ އެވެ. ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ އެ ނިންމުން ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ.

"ވޮލީބޯޅަ އިންތިހާބު ބާތިލް": ދެން ވާނީ ކިހިނެއް؟
"ވޮލީބޯޅަ އިންތިހާބު ބާތިލް": ދެން ވާނީ ކިހިނެއް؟

މިދިޔަ ދެ ދައުރުގައި ވެސް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމް ފުރުއްވި ކުރީގެ އެއް ވަނަ ރެފްރީ މުހައްމަދު ރިޔާޒާ ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) ގެންދެވީ އިންތިހާބުގެ ކުރިން ވެސް މައްސަލަތައް ފެންމަތިކުރައްވަމުންނެވެ. ސިޔާސީ ހަރަކާތްތަކުން ބޮޑަށް ފާހަގަވެެގެން ދިޔަ ކާނަލް ކުރެއްވި ތުހުމަތުތަކުގެ ތެރޭގައި އިންތިހާބުގައި އޮޅުވާލައިގެން ފަސް މެމްބަރަކު ލައްވައި ވޯޓް ލާފައިވުން ހިމެނެ އެވެ. މީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބަށް ވޯޓްލުމުގެ ހައްގު ދީފައިނުވުމަކީ ވެސް ކާނަލް ފާހަގަކުރެއްވި މައްސަލައެކެވެ.

"ވޮލީބޯޅަ އިންތިހާބު ބާތިލް": ދެން ވާނީ ކިހިނެއް؟
"ވޮލީބޯޅަ އިންތިހާބު ބާތިލް": ދެން ވާނީ ކިހިނެއް؟

އެ ޝަކުވާތަކާ އެކު ވެސް އިންތިހާބު ކުރިއަށް ގެންދިޔަ އެވެ. އިންތިހާބުގައި ކާނަލް އާއި ރިޔާޒް އެއްވަރުވެވަޑައިގެންނެވި އިރު ރިޔާޒް އިންތިހާބުވެވަޑައިގަތީ ހިންގާ ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުން ކުރި ހޯއްދަވައިގެންނެވެ.

އޭގެ ފަހުން ދެން އިވުނީ ކާނަލް މައްސަލަ ކޯޓަށް ވެއްދި ހަބަރެވެ. ކޯޓުގައި ދެ އަޑުއަހުމެއް ބާއްވާފައިވަނިކޮށް، ކްލަބަކުން ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު ސްޕޯޓްސް ކޮމިޝަނަރު ވަނީ އިންތިހާބު ބާތިލްކޮށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިހާބު ބާއްވަން އަންގައިފަ އެވެ.

ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) ފާހަގަކުރައްވާފައިވާ ގޮތުގައި އިންތިހާބު ބާތިލްކުރި އެންމެ ބޮޑު ސަބަބަކީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެސޯސިއޭޝަނުން ކަނޑައެޅި 16 ކްލަބެއްގެ ތެރެއިން ފަސް ކްލަބެއް މެމްބަރުންގެ ގޮތުގައި ބެލޭނެ ހަމައެއް ނެތްއިރު ވެސް އެ ފަސް ކްލަބުން ވޯޓް ދީފައި އޮތުމެވެ. އެ ފަސް ކްލަބަކީ ވަށަވަރު ސްޕޯޓްސް އެންޑް އެވެއާނަސް، ޔުނައިޓެޑް ޑިވެލޮޕްމަންޓް ސްޕޯޓްސް ކްލަބް، މޯލްޑިވްސް ސްޕޯޓްސް ޖޫނިއާ، ކްލަބް ތުރީސްޓާ އަދި މުލަކު ރިކްރިއޭޝަން ކްލަބެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބޭނީ އިންތިހާބުގެ ކުރީ ތިން އަހަރު (2013، 2014 އަދި 2015) ގައި މަދުވެގެން އެއް މުބާރާތުގައި ބައިވެރިވުމުން ކަމަށް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އަދި އެ ފަސް ކްލަބް ރަޖިސްޓްރީކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު 24 ގައި ކަމަށްވެފައި، އެ އަހަރު ބާކީ އޮތް ހަތް ދުވަސް ތެރޭ އެ އަހަރުގެ އެއްވެސް މުބާރާތެއްގައި ބައިވެރިވެވިދާނެތޯ ބެލި ކަމަށާއި ބެލިއިރު އެ ފަސް ކްލަބް ވުޖޫދަށް އައި ފަހުން އެ އަހަރު ބާއްވާފައިވަނީ ޑިސެމްބަރު 29 ގައި ބޭއްވި ގައުމީ ބީޗްވޮލީީބޯލް މުބާރާތް އެކަނި ކަމަށެވެ. އެކަމަކު އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެމްބަރު 15 އަށް ވެފައި އަދި ގުރުލުން ބޭއްވީ ޑިސެމްބަރު 23 ގައި ކަމަށް އެނގެން އޮތުމުން، ޑިސެމްބަރު 24 ގައި ރަޖިސްޓްރީ ވި ފަސް ކްލަބެއް، އޭގެ ކުރީ ތާރީހެއްގައި މުބާރާތުގައި ބައިވެރިވެ އަދި ގުރުލުމުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތުމުން އެ ފަސް ކްލަބް ބީޗްވޮލީބޯޅަ މުބާރާތުގައި ބައިވެރިވެވި ކަމަށް ބެލެވެން ނެތް ކަމަށް ކޮމިޝަނަރު ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން އެ އަހަރު އެއްވެސް މުބާރާތެއްގައި ބައިވެރިނުވާ ފަސް ކްލަބެއް އިންތިހާބުގައި ވޯޓްލުމުގެ ޝަރުތުހަމަނުވާނެ ކަމަށް ކޮމިޝަނަރު ވަނީ ނިންމަވައިފަ އެވެ.

މީގެ އިތުރުން އެ ފަސް ކްލަބަކީ، އެސޯސިއޭޝަނުގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކެއް ނަމަ އެފަރާތްތައް އެސޯސިއޭޝަނުގެ މެމްބަރަކަށް ވުމަށްޓަކައި ހުށަހަޅާފައިވާ ފޯމުތަކުގެ ކޮޕީތަކާއި އެ ފަސް ކްލަބް މެމްބަރުންގެ ރެޖިސްޓްރީވެފައިވާ ނަމަ ފީ ދެއްކިކަން އެނގޭނެ ލިޔުންތަކެއް ކޮމިޝަނަ އޮފް ސްޕޯޓްސް އަށް ފޮނުވައި ދިނުމަށް އެންގުމުން އެ މައުލޫމާތު ވޮލީބޯޅަ އެސޯސިއޭޝަނުން ހިއްސާކޮށްފައިނުވާ ކަމަށް ކޮމިޝަނަރު ބުނެފައިވެ އެވެ.

އަދި އިންތިހާބުގައި ރައީސްކަމަށާއި ނައިބް ރައީސް ކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ވޯޓް އެއްވަރުވުމުން މެމްބަރުން އިންތިހާބުކޮށްފައިވަނީ ހިންގާ ގަވާއިދުގެ ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެނގެން އޮވެފައި ވޯޓް އެއްވަރުވެފައިވަނީ މި މައްސަލައިގައި ބުނެފައިވާ ފަސް ކްލަބަކުން ދީފައިވާ ވޯޓުގެ ނަތީޖާގެ މައްޗަށް ބުރަވެގެން ކަމަށްވުމުން އެ ފަސް ކްލަބަކީ، ވޯޓުލުމުގެ ހައްގު ލިބިފައިނުވާ ފަސް ކްލަބަކަށްވެގެން ދިއުމުގެ ނަތީޖާއަކަށްވީ އިންތިހާބުގެ ނަތީޖާއަށް ސީދާ ގޮތުން އަސަރުކުރުން ކަން އެނގެން އޮތް ކަމަށް ވެސް ކޮމިޝަނަރު ފާހަގަކުރައްވާފައިވެ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ކުރިން ބުނެފައިވަނީ ސްޕޯޓްސް ކޮމިޝަނަރުގެ ސިޓީއަށް ޖަވާބު ނުދިނީ އަދި މި ނިންމުން ބަލައިނުގަންނަނީ އެ އެސޯސިއޭޝަނަކީ އަދިވެސް ހޯމް މިނިސްޓްރީގެ ބެލެނެވެރިކަމުގެ ދަށުގައި އޮތް ތަނަކަށްވާތީ ކަމަށެވެ.

ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތަކުގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ބާރު ސްޕޯޓްސް ކޮމިޝަނަރަށް ކުޅިވަރުގެ ގާނޫނުން ދީފައިވީ ނަމަވެސް، ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ކޮމިޝަނަރުގެ ބެލުމުގެ ދަށަށް އެސޯސިއޭޝަންތައް ދާނީ އެކަމަށް ގަވާއިދުތަކެއް ހެދުމުން ކަމަށެވެ. އަދި މިހާރު އެސޯސިއޭޝަނުގެ ބެލެނެވެރިކަން އޮތީ ސްޕޯޓްސް ކައުންސިލާއި ހޯމް މިނިސްޓްރީގައި ކަމަށް ބުނެފައިވެ އެވެ.

އެސޯސިއޭޝަނުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގައި ސްޕޯޓްސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅާފައިވާއިރު އެ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ބާރުތައް ބޭނުންކުރަންވާނީ އަދި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އެޅޭނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބުނާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެފަދަ ގަވާއިދެއް ހަދާފައިނުވާ ކަމަށެވެ.

ކޮމިޝަނަ އޮފް ސްޕޯޓްސް ނަޝީދު ވިދާޅުވީ، ގަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ކަމަށާއި އެ މަސައްކަތް މިވަގުތު އޮތީ އެޓާނީ ޖެނެރަލްގެ އޮފީހާ ހަމައިގައި ކަމަށެވެ. އަދި ކުޅިވަރުގެ ގާނޫނަކީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓްކޮށްފައިވާ ގާނޫނެއް ކަމަށާއި، އެއްވެސް އެސޯސިއޭޝަނެއް އަސާސީ ގަވާއިދާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުން އެ ގާނޫނުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ގާނޫނުގެ ދަށުން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން، އެ ގާނޫނުން އަޅުގަނޑަށް ވަނީ މަތިކޮށްފައި. ގަވާއިދެއް ނެތަސް، ގާނޫނުގައި އެހެން ބުނެފައި އޮތުމުން ގާނޫނުގެ ދަށުން އަޅުގަނޑަށް އެބަޖެހޭ ފިޔަވަޅު އަޅަން މައްސަލަ އުޅޭކަމުގައިވާ ނަމަ،" ނަޝީދު ވިދާޅުވި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް ވިދާޅުވީ، ގާނޫނުން ސްޕޯޓްސް ކޮމިޝަނާއި ކޮމިޝަނަރަށް ބާރު ލިބޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމަކު މިކަމަށް އަމަލުނުކުރުގެ މައްސަލަ ދިމާވަނީ އަދިވެސް އެސޯސިއޭޝަންތައް މި ގާނޫނާ ބީރަށްޓެހިވުމުން ކަމަށެވެ.

"ތަސްދީގު ކުރި ގާނޫނު އެސޯސިއޭޝަންތަކާ ބީރަށްޓެހި. ގާނޫނު ނުވަތަ ގަވާއިދު އެސޯސިއޭޝަންތަކާ ހިއްސާކުރެވި މީގައި ހުރި ކަންކަމާއި ހުރި މައްސަލަތައް އެބަޖެހޭ އެސޯސިއޭޝަންތަކަށް ސާފުވާން. މި ބިލުގެ މައުލޫމާތު މަޖިލީހުން އެސޯސިއޭޝަންތަކާ ހިއްސާކުރިއިރު އޮތް ގޮތާ މި ބިލް ގާނޫނަކަށް ވެގެން އައިރު ބޮޑެތި ތަފާތުތަކެއް އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން މިހާރު ވަނީ މި މައްސަލަ ސްޕޯޓްސް ކައުންސިލަށް ހުށަހަޅައިފަ އެވެ. ރިޔާޒް ވިދާޅުވީ މައްސަލަ ކައުންސިލުން ބަލަމުން އަންނާތީ މިކަމުގައި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކަން މި ވަގުތު ބޭނުންނުވާ ކަމަށެވެ. އަދި އެސޯސިއޭޝަނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ސީދާ މި މައްސަލަ ކޯޓުން ބަލަމުން އަންނަނިކޮށް، އެހެން މުއައްސަސާއަކުން ސީދާ އެ މައްސަލަ ބަލައި ގޮތް ނިންމުން ކަމަށެވެ.

ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ، ކޯޓުން ބަލަމުން އަންނަ މައްސަލައެއް ސްޕޯޓްސް ކޮމިޝަނަނުން ބެލުމަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށެވެ.

"ސީދާ ނުބެލެނޭއެކޭ ދަންނަވަން ނުކުރެވޭނެ. އެކަމަކު އެއީ އެންމެ ރަނގަޅު އުސޫލެއް ނޫން އިގޭތޯ. ކޯޓުން ނިންމަވަފާނެ، އަނެއްކޮޅަށް ވެސް. އޭރުން ކިހިނެއްތޯ ވާނީ. ކޯޓުގެ ހުކުމް ވާނީ އެންމެ މަތީ ހުކުމަށް. އެކަމަކު އޭގެ ކުރިން ސްޕޯޓްސް ކޮމިޝަނުން އެހެން ގޮތަކަށް މައްސަލަ ނިންމަވާފައި އޮތުމުން ގާނޫނީ މައްސަލަތަކެއް ނުކުންނާނެ،" އޭނާ ވިދާޅުވި އެވެ.

މިކަމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނިންމުން އަދި ހާމައެއްނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ގޮތެއް ނިންމުމުގެ ކުރިން އެ ކޮމިޓީން ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާއާ މަޝްވަރާކުރާނެ އެވެ. މައްސަލަ ބޮޑުވެ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ނުބޭއްވޭ ގޮތް ވުމުން ވެސް އެ ކޮމިޓީން ލަފާހޯދީ އޭޝިއާގެ ބާސްކެޓްބޯޅަ ޖަމިއްޔާ އިންނެވެ. އެ ފަރާތުން އެންގީ އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އިންތިހާބު ބާއްވާށެވެ.

މިކަމުގައި މިވަނީ ގާނޫނީ ހިޔާލު ތަފާތުވުންތައް ވެސް އުފެދިފަ އެވެ. ކުޅިވަރުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުޅިވަރު ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބް ފަދަ ތަންތަން އެތަންތަނުގެ އަލަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީތައް އިންތިހާބު ކުރެވޭ ދުވަހުން ފެށިގެން 180 ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކަށް އެއްގޮތަށް ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ކުޅިވަރުގެ ގާނޫނު ބުނެ އެވެ. އެހެންވެ ބައެއް ގާނޫނީ މާހިރުން ވިދާޅުވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީގައި އެސޯސިއޭޝަންތައް ރަޖިސްޓްރީކުރެވެން ދެން، އެސޯސިއޭޝަންތައް ތަބާވާން ޖެހޭނީ ޖަމިއްޔާތަކާ ބެހޭ ގާނޫނަށް ކަމަށެވެ. މާނައަކީ، އެސޯސިއޭޝަންތަކުގެ ބެލެނެވެރިޔަކީ އަދިވެސް ހޯމް މިނިސްޓްރީ އެވެ.

އެކަމަކު ގަވާއިދަކަށް ވުރެ ގާނޫނު މަތިވާނެތީ އަދި ގާނޫނުން ބާރުތަކެއްދީފައިވާތީ މިކަމުގައި ކޮމިޝަނަރަށް ފިޔަވަޅު އެޅޭނެ ކަމަށް، އެ ކޮމިޝަނަށް ގާނޫނީ ލަފާ ލިބިފައިވާ ކަމަށް އެނގިފައިވެ އެވެ.

މިކަމުގައި ދެން އޮތީ ސްޕޯޓްސް ކައުންސިލުން ނިންމާ ގޮތެއްގެ ނިންމަންދެއް އިންތިޒާރުކުރުމެވެ. ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅިފައިވާ ބޮޑެތި މައްސަލަތައް ނިމި އެ ކުޅިވަރަށް ހަމަޖެހުމެއް ލިބޭއިރަށް ރާއްޖޭގެ ދެ ވަނަ ކުޅިވަރު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓެން ކުޅިވަރު އާއިލާ ބޭނުމެއް ނުވާނެ އެވެ.