28 އޮކްޓޯބަރ 2018 - 10:46

ކޮލަމްބޯ (އޮކްޓޯބަރު 28) - ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުންނެވުމަށް ރަނިލް ވިކްރަމަސިންހަ އަށް މުހުމަތެއް ދީފި އެވެ.

ޕާލަމެންޓް މެންބަރެއް ކަމަށްވާ ވިމާލް ވީރަވަންސާ ވިދާޅުވީ ހުކުރު ދުވަހު މަގާމުން ދުރުކުރި ރަނިލް އަށް ވަނީ އަބުރުވެރިކަމާ އެކު ބޮޑު ވަޒީރުގެ ގެ ކޮޅުން ނުކުތުމަށް މިއަދު ހެނދުނު ލަންކާ ގަޑިން 8 ޖެހުމާ ހަމައަށް މުހުލަތު ދީފައި ކަމަށެވެ.
"އިދިކޮޅުގައި ތިބި އިރު އަހަރެމެން ވަނީ ބޮޑެތި ސްޓޭޑިއަމްތައް ފުރާލާފައި. ދެން ވިސްނާލާ ވެރިކަމުގައި އޮންނަ އިރު ބާރު ހުންނާނެ ވަރު،" ރަނިލް ދެކޮޅު ހައްދަވާ ނަމަ ސަޕޯޓަރުން ވަދެ އެމަނިކުފާން ނެރޭނެ ކަމަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވި އެވެ.
ރަނިލް އަށް މި އިންޒާރު ދީފައި ވަނީ ލަންކާ ޕާލަމެންޓް، ރައީސް ސިރިސޭނާ ސަސްޕެންޑް ކުރިތާ މާގިނައިރެއް ނުވަނީހެވެ.
ލަންކާގެ ސިޔާސީ މަޝްރަހު ގޯސްވެފައި ވަނީ ހަތަރު ފަހަރު ބޮޑު ވަޒީރުކަން ކުރެއްވި ރަނިލް މަގާމުން ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހުކުރު ދުވަހުގެ ރޭ އައްޔަން ކުރުމާ ގުޅިގެންނެވެ. ނަމަވެސް ރަނިލް ގެންދަވަނީ ރައީސް އަށް އޭނާ މަގާމުން ދުރު ނުކުރެވޭނެ ކަމަށާއި އެއީ ޕާލަމެންޓަށް އެކަނި ކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.
"ޕާލަމެންޓުގެ މެޖޯރިޓީ އޮތީ ކޮން ބަޔަކަށްތޯ ބެލުމަށް ޖަލްސާއެއް ބާއްވަވާ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނިލް އިއްޔެ ވިދާޅުވި އެވެ.
ލަންކާގެ 225 މެންބަރުންގެ ޕާލަމެންޓުގައި ރަނިލްގެ ޔޫއެންޕީ އަށް ލިބިފައި ވަނީ 106 ގޮނޑި އެވެ. ސިރިސޭނާގެ ޕާޓީ އަށް 95 ގޮނޑި އެވެ.