އިތުރު ވަގުތުގައި ބަދަލު ނުގެނެވޭ ގޮތަށް ހަދަނީ
އިތުރު ވަގުތުގައި ބަދަލު ނުގެނެވޭ ގޮތަށް ހަދަނީ

ލަންޑަން (އޮކްޓޯބަރު 28) – ފުޓްބޯޅަ މެޗުތަކުގައި ވަގުތު ބޭކާރުކުރާ މައްސަލަ ހައްލުކުރުމުގެ ގޮތުން، އިތުރު ވަގުތުގައި ކުޅުންތެރިން ބަދަލުނުކުރެވޭ ގޮތަށް ހެދުމަށް ފުޓްބޯޅައިގެ ގަވާއިދު ހަދާ ޖަމިއްޔާ އިން ވިސްނަން ފަށައިފި އެވެ.

ފުޓްބޯޅަ މެޗުތަކުގައި އިތުރު ވަގުތުގައި އާއްމުކޮށް ކުޅުންތެރިން ބަދަލުކުރަނީ މޮޅުވެފައި އޮންނަ ޓީމުން ވަގުތު ބޭކާކުރުމުގެ ގޮތުންނެވެ. އެގޮތަށް ގެންނަ ކޮންމެ ބަދަލަކަށް، ރެފްރީ 30 ސިކުންތު އިތުރުކޮށްދިން ނަމަވެސް، އަސްލު އެވަރަށް ވުރެ ގިނަ ވަގުތުދެ އެވެ. އަދި ބަލިވެފައި އޮންނަ ޓީމުގެ އެޓޭކްތައް ހުއްޓި ޓެމްޕޯ ވެސް ގެއްލެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން އަންނަ މަހު މިކަމާ މަޝްވަރާކުރާނެ އެވެ. އަދި ފަހަރުގައި އަންނަ އަހަރުގެ މާޗު މަހު އޮންނަ އަހަރީ ބައްދަލުވުމުގައި ގޮތް ނިންމަފާނެ އެވެ.

"ވަގުތު ބޭކާރުކުރާ ކުރުން މަދުކޮށް، ގޭމުގެ ސްޕީޑް އަވަސްކޮށް، ކުޅޭ ވަގުތު އިތުރުކުރުމަކީ އަހަރެމެން އިސްކަންދޭ އެއް ކަންތައް،" ބޯޑުގެ މެމްބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރު ވަގުތުގެ ތެރޭގައި ބަދަލުނުކުރެވޭ ގޮތަށް ގަވާއިދެއް ހެދުމަކީ ޝައުގުވެރިކަމަކަށް ވާނެ ކަމަށާއި އަދި އެއީ ރަނގަޅަށް މަސައްކަތްކޮށްފާނެ އުސޫލަކަށް ވެދާނެ ކަމަށެވެ.