އިނގިލީގެ ނިޝާނަކީ އެކަކު އަނެކަކާ ދެމެދު އޮންނަ އެންމެ ބޮޑު އެއް ފަރަގެވެ. އުމުރު ބަދަލުވުމަކުން އިނގިލީގެ ނިޝާނަކަށް ބަދަލެއް ނާދެއެވެ. އެހެންވެ، މިއީ ތިމާއަކީ ކާކުކަން އެންމެ ރަނގަޅަށް އަންގައިދޭ ނިޝާނެވެ.

މިކަމުގެ ބޭނުން ހިފައިގެން، ހިޓާޗީއިން ފައްކާކޮށްފައިވާ އިނގިލީގެ ނިޝާން ދެނެގަނެވޭނެ ޓެކްނޮލޮޖީގެ އެހީގައި ފައިސާ އަދާކުރެވޭނެ މަގެއް ސްލޭތަ ކުންފުނިން ހޯދައިފިއެވެ.

އިގިރޭސިވިލާތުގައި އުޅަނދުފަހަރު ޕާކުކުރާ ތަންތަނުގެ ވިޔަފާރި އެންމެ ގަދައަށް ހިންގާ ސީޕީ ޕްލަސްއާ ގުޅިގެން ސްލޭތަ އިން ފެށި މަސައްކަތަކީ ސީޕީ ޕްލަސްގެ ބެލުމުގެ ދަށުން ހިންގާ، ކާރު ޕާކުކުރާ ތަންތަނުގައި ފައިސާ ދެއްކޭނެ ނިޒާމް، އިގިލީގެ ނިޝާނުން ފުއްދާލެވޭނެ ގޮތެއް ހެދުމެވެ.

ފިންގޯޕޭގެ ނަން ދީފައިވާ މި ޚިދުމަތަކީ އެހެް ބައެއް ގައުމުތަކުގައި މިހާރުވެސް ދޭ ކަހަލަ ޚިދުމަތެކެވެ. ސްލޭތަ އިން މިކަން ސީޕީ ޕްލަސްއާއެކު ފެށުމުން، ސީޕީ ޕްލަސްގެ ވިޔަފާރި ހިންގާ ހުރިހާ ތަނަކަށް މި ޚިދުމަތް ފުޅާކުރާނެކަމަށް ބެލެވެއެވެ. ޚާއްސަކޮށް މިއީ ހޮސްޕިޓަލްތަކުގައި ދިނުން ވަރަށް މުހިއްމު ޚިދުމަތެއްކަމަށް އެ މީހުން ދެކެއެވެ. އެއީ ހޮސްޕިޓަލްތަކުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވާނެކަމަށްޓަކައެވެ.

ސީޕީ ޕްލަސް އާއި ސްލޭތަ އިން ހަމަޖައްސާފައިވާ މި ފިންގޯޕޭގެ ޚިދުމަތުގެ ދަށުން ޕާކްކުރާ ތަންތަނުގައި ގާއިމުކޮށްފައިވާ ޓެކްނޮލޮޖީގެ ތެރެއަށް ވެއިން އައިޑީ ޓެކްނޮލޮޖީ އިތުރުކުރުމުން ޑްރައިވަރާއި އޭނާގެ ކާރު ދެނެގަންނާނެއެވެ. ޕާކްކުރުމުގެ ޚިދުމަތުގެ އިތުރުން އާންމު ވިޔަފާރީގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކުރުމާމެދު ސީޕީ ޕްލަސްއިން އަންނަނީ ވިސްނަމުންނެވެ. އޭގެ ތެރޭގައި ރޭލު ދަތުރުފަތުރާއި ރީޓޭލް ވިޔަފާރި އާއި ސުޕަމާކެޓްތަކުގެ ވިޔަފާރި ހިމެނެއެވެ.

ފިންގޯޕޭގެ ޚިދުމަތް މީގެ ކުރިން ވަނީ ބްރޫނާއީ ޔުނިވަސިޓީގެ ކެމްޕަހެއްގައި ހުންނަ ފިހާރައެއްގަ އާއި ކޯޕަންހޭގަން ބިޒްނަސް ސްކޫލްގެ ރެސްޓޯރަންޓާއި ކޮފީ ޝޮޕްގައި ބޭނުންކޮށްފައެވެ. އިނގިލީގެ ނިޝާނުން ވިޔަފާރިކުރުމަކީ ވެސް މުޅިން އާ ކަމެއް ނޫނެވެ. ޕޮލަންޑާއި ޖަޕާނާއި ތުރުކީގައި މިއީ މިހާރު އާންމު ކަމެކެވެ. އަދި ޔޫރަޕްގެ އުތުރުގެ ގައުމުތަކުގެ ބޭންކުތަކުގައި ވެސް އިނގިލީގެ ނިޝާނުން ވިޔަފާރިކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ.

ފިންގޯޕޭގެ ޚިދުމަތް މިހާތަނަށް ހޯދި މީހުން ބުނާ ގޮތުގައި މިއީ ވަރަށް ފަސޭހަ ޚިދުމަތެކެވެ. އަތްދަބަހުގައި ފައިސާއާއި ފައިސާ ކާޑުތައް ގެންގުޅުމުގެ ބަދަލުގައި އިނގިލީގެ ނިޝާނުން ވިޔަފާރިކުރުމަކީ ރައްކާތެރި، ލުއި ގޮތެއް ކަމަށް އެމީހުން ދެކެއެވެ.